ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ޑޮކްޓަރުންނަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް އަދީބުގެ ގާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.
މަހުފޫޒު ރާއްޖެޓީވީއަށް ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ގައީދީއެއްގެ ބޭސްފަރުވާ ހަމަޖެއްސުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި އަދީބަށް ބޭސްފަރުވާ ނުދީ ހިފެހެއްޓުމަކީ ސަރުކާރުންކުރާ ޤާނޫނީ ކުށެއްކަމަށެވެ. ރާއްޖެއިން އަދީބުގެ ބޭސްފަރުވާ ހަމަޖެހެން ނެތް ކަމަށާއި އަދީބަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ދޭން ފެންނަ ކަމަށް ފުރަތަމަ އަދީބު ބެއްލެވި ޑޮކްޓަރު ލަފާ ދެއްވި ކަމަށެވެ.
"އަދީބަށް ސިއްހީފަރުވާ ދޭން ކަމަށް ބުނެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އަދީބު ކުރިން ފަހަރަކު ދެއްކެވި ޑޮކްޓަރަށް ދެއްކުމުން މާބޮޑު މައްސަލަތަކެއް ނޫޅޭ ކަމަށް ޑޮކްޓަރު ބުނި އަދި ކަންބޮޑުވާނެ ކަމެއް ނެތް ކަމަށް ވެސް ޑޮކްޓަރު ބުނި. ކުރިން އަދީބު ޑޮކްޓަރަށް ދެއްކެވި ފަހަރު ހަމަ އެ ޑޮކްޓަރު ބުނީ މައްސަލައިގެ ސީރިއަސްކަމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ދަންނަވާ އެތަކެއް ޓެސްޓުތަކެއް ހެދުމަށް ފާހަގަކުރެއްވި،" މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ ހަމަ އެވަގުތު އަދީބު ޑޮކްޓަރަށް ކުރިން ވިދާޅުވެފައިވާ ވާހަކަތައް ހަނދުމަކޮށްދިން ކަމަށާއި ކުރިން ހަދާފައިވާ ޓެސްޓްގެ ނަތީޖާ ނުލިބޭކަން ވެސް އަދީބު ފާހަގަކުރެއްވި ކަމަށެވެ.
ނަމަވެސް ޑޮކްޓަރު އޮޕީނިއަން ބަދަލުކުރެއްވި ކަމަށާއި އަނެއްކާ ވެސް އިތުރު ޓެސްޓްތަކެއް ހެއްދެވުމަށް އިރުޝާދު ދެއްވި ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
"ތުހުމަތު ކުރެވޭ ޑޮކްޓަރަށް ވެސް ސަރުކާރުގެ ފަރާތުން އަދީބުގެ ބޭސްފަރުވާއާ ގުޅިގެން ވަކި އޮޕީނިއަން އެއްދިނުމަށް ނުފޫޒު ފޯރުވަމުންދާ ކަމަށް. އިއްޔެ ހިނގި ހާދިސާއިން ކަށަވަރުވާ އެއްކަން އެއީ،" މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒްވަނީ އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސަރުކާރުގެ އެއްވެސް ނިޔަތެއް ނެތްކަން ފާހަގަކުރައްވާފައެވެ.
އަދީބަށް ސިއްޚީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ވަކީލުންނާއި އާއިލާ އިން ހާމަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ސިސްޓެއް ހުރުމާއި، ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށް ގްލޮކޮމާ ޖެހިފައިވުން ހިމެނެއެވެ.
ރައީސް އަވަހާރަކޮށްލަށް އުޅުމާއި ހިޔާނާތުގެ ތަފާތު މައްސަލަތަކުގެ ތުހުމަތުކުރެވި 33 އަހަރަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ ޖަލުގައި އަދީބު އަވަހަރާވެދާނެކަމުގެ ބިރު އެބަ އޮތް ކަމަށް އަދީބުގެ ވަކީލުން މައުލޫމާތު ދީފައި ވެއެވެ. އަދި ޖަލުގައި އަދީބު އަވަހާރަކޮށްލަން ރާވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވެއެވެ. ފުލުހުން ބުނެފައި ވަނީ ބަންދުގައި ހުންނަ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ރައްކާތެރިކަން އަދީބަށް ފޯރުކޮށޭނެ ކަމަށެވެ. އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދަނީ އަދީބު އަތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުން ހުރި ދައުލަތުގެ ގިނަ ފައިސާތަކެއް ހުރެދާނެތީ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.