މަސައްކަތްތައް ލަސްވާ އެއްސަބަބަކީ ސަރުކާރުން ހިންގަމުންދާ މަސައްކަތް ގިނަވެ ކުންފުނިތަކަށް އޯވަރލޯޑްވުންކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ސުވާލުކުރެއްވުމަށް މަޖިލީހަށް ހާޒިރުކުރުމުން، އިތުރު ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝާފީގްކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. އޭނާ ވަނީ ބަޖެޓުގައި ހިމެނޭ މަސައްކަތްތައް ލަސްވެގެން ދަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ. އެގޮތުން ޅޮހީގެ ބަނދަރުގެ މަސައްކަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މެއިގެ ފުރަތަމަ ހަފްތާގައި ޅޮހީގެ ބަނދަރުގެ އީއައިއޭ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި ބަޖެޓުގައި ހިމެނިފައި ހުންނަ މަޝްރޫޢުތައް ލަސްވާ ވަރަށް ގިނަ ކަންކަން ނުވަތަ ސަބަބުތައް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ދެފުށް ފެންނަ ގޮތަށް މަސައްކަތްތައް ހިންގުމަށްޓަކައި ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތްތަކުގެ ތެރޭގައި، ޓެންޑަރ މަރުހަލާ އާއި އީއައިއޭގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި ކޮންސަލްޓެންސީ މަރުހަލާ އާއި މަސައްކަތާމެދު ބަޔަކު މައްސަލައެއް ޖައްސައިފިނަމަ ސްޓޭންޑް ސްޓިލް ޕީރިއަޑާ ހުރެ މަސައްކަތް މަޑު ޖެހެން މެދުވެރިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކުރުމަކީ މަސައްކަތް ދިގުލައިގެންދާ ސަބަބެއް ކަމަށް ވިދާޅުވިއެވެ.
މަސައްކަތްތައް ލަސްވާ އެއް ސަބަބަކީ އޯވަރލޯޑްވުން ކަމަށާއި، މަޝްރޫޢުތައް ހިންގާ މިންވަރާއި އަޅާ ބަލާއިރު ކެޕޭސިޓީ އެންމެ އެކަށީގެން ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކޮވިޑާއެކު ދިމާވި ގޮންޖެހުންތަކާއި، މާލީ ދަތިކަމާއި ކުރިމަތިލާން ޖެހުން ފަދަ ކަންކަން ފާހަގަކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.