ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 08:59
ބަޑި ޖަހައި މަރާލި އަތީކް
ބަޑި ޖަހައި މަރާލި އަތީކް
އިންޑިއާ ޓައިމްސް
އިންޑިއާ
އިންޓަވިއުއެއް ދެނިކޮށް އިންޑިއާގެ ކުރީގެ މެންބަރަކާއި އޭނާގެ ކޮއްކޮ މަރާލައިފި
އަތީކް އާއި އޭނާގެ ކޮއްކޮ މަރާލީ ފުލުހުން ކައިރީގައި ތިއްބާ
އަތީކް މަރާލި މީހުން ތިބީ ނޫސްވެރިންނަށް ހެދިގެން

ވަގުތުން ދެއްކި އިންޓަވިއުއެއްގެ ތެރެއިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކާއި އޭނާގެ ކޮއްކޮ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކިޑްނޭޕިންގެ މައްސަލައެއްގައި އެ ޤައުމުގެ މަޖިލީހުގެ ކުރީގެ މެންބަރު އަތީކު އަހުމަދު އާއި އޭނާގެ ކޮއްކޮ އަޝްރަފް އަހުމަދު ހައްޔަރުކޮށްފައި ވަނިކޮށް މީޑިއާތަކަށް އިންޓަވިއު ދެމުންދަނިކޮށެވެ. އެ ދެ މީހުންނަށް ހަމަލާ ދިން މީހުން ތިބީ ނޫސްވެރިންނަށް ހެދިގެންނެވެ.

މި އިންޓަވިއު ދިން އިރު އެ ދެ މީހުން ކައިރީގައި އިންޑިއާގެ އުތުރަޕްރަދޭޝްގެ ފުލުހުން ވެސް ތިއްބެވެ.

އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އާތިކް ވާހަކަ ދައްކަން ހުއްޓައި އޭނާގެ ބޮލަށް އަމާޒުކޮށް ކައިރީގައި ހުރި މީހަކު ބަޑިޖަހާ މަންޒަރު ފެނެއެވެ. އެއަށްފަހު އޭނާ އާއި އޭނާގެ ކޮއްކޮ ވެއްޓުމުން ވެސް އެތައް ފަހަރަކު އެ ދެ މީހުންގެ ގަޔަށް ބަޑިޖަހާތަން ފެނިގެންދެއެވެ. އަދި ބަޑިޖަހަމުން ހިންދޫ ދީނުގެ ސްލޯގަންތަކެއް ކިޔާ އަޑު އެ ވީޑިއޯތަކުން އިވެއެވެ. މި ސްލޯގަންތަކަކީ އިންޑިއާގައި މުސްލިމުންނަށް ހަމަލާދިނުމަށް ހިންދޫ ނޭޝަނަލިސްޓުން ހިންގާ ކެމްޕޭނުގައި މުސްލިމުންނަށް ހަމަލާދެމުން އެ ފަރާތްތަކުން ގެންގުޅޭ ސްލޯގަންތަކެކެވެ.

އުތުރަޕްރަދޭޝްގެ ފުލުހުން އެ ޤައުމުގެ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި އެ ހަމަލާ ދިނީ ނޫސްވެރިން ކަމަށް ހެދިގެން ތިބި ތިން މީހެކެވެ. އެމީހުން އެ ސަރަހައްދަށް ދިޔައީ ސައިކަލުގައި ކަމަށާއި ހަމަލާއަށް ފަހު އެމީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެފައިވާ ކަމަށްވެއެވެ. އެ ތިން މީހުންނަކީ ލަވްލޭޝް ތިވާރީ އާއި އަރުން މޯރުޔާ އާއި ސަނީ ސިންގް ކަމަށް މީދިއާ ރިޕޯޓުތައް ބުނެއެވެ. ތިން މީހުންނަކީ ވެސް އުތުރަޕްރަދޭޝަށް ނިސްބަތްވާ ތިން މީހުންނެވެ.

ތިން މީހަކު ވެގެން އަތީކް މަރާލާފައިވާއިރު މިދިޔަ މަހު އޭނާ ވަނީ އިންޑިއާގެ ޓޮޕް ކޯޓުގައި ފުލުހުންގެ ފަރާތުން އޭނާގެ ފުރާނައަށް ނުރައްކާ އެބައޮތް ކަމަށް ބުނެ ޕެޓިޝަނެއް ހުށަހަޅައިފައެވެ. އޭނާއަށް ތާއީދު ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ހާދިސާއިން އެނގެނީ ފުލުހުން ފެއިލްވެފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް