އިޖުތިމާޢީ ބަލިމަޑުކަމާއި ހަމަނުޖެހުންތަކާއި ހަނގުރާމަތަކުގެ ސަބަބުން އެންމެ ފުރަތަމަވެސް ހާލުގައި ޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ދިގުލާދިޔަ ދާޚިލީ ހަނގުރާމައެއްގައި ހަފުސްވެފައިވާ ސޫރިޔާގެ ހާލަކީވެސް އެއީއެވެ. އަންހެނުންނާއި ކުޑަކުދިންނަކީ ވަޒަނެއް އާބާދުކޮށް، ޤައުމެއް އާރާސްތު ކުރުމުގެ ބިންގަލާއި މުސްތަޤުބަލު ކަމަށް ވާ އިރު، އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ހާއްސަ ދަރަޖައަކަށް ފޯރުކޮށްދޭންވެސް ޖެހެއެވެ. އެފަދަ ވަރުގަދަ ޢަޒުމެއްގައި އޮތް އެއް އަވަށަކީ، ސޫރިޔާގެ އިރުއުތުރު ކުރުދީ ސަރަޙައްދުގައި އޮތް ޖިންވާރު އަވަށެވެ.
ޖިންވާރުގައި މުޅިންހެންވެސް ތިބީ ހަނގުރާމައިގެ ތެރޭގައި ގެދޮރު ގެއްލިފައި ވާ މީހުންނާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވާ މީހުންނެވެ. ހައްތަހާވެސް އަންހެނުންނެވެ. ރައްކާތެރި ރައްކާތެރިކަމުގެ ވެއްޓެއްގައި ދިރިއުޅުން އާރާސްތު ކުރުމުގެ މަންޒިލަކަށް ވެފައި އޮތީ ޖިންވާރެވެ. ކުރުދީ ބަހުން ބުނާނަމަ އެއީ "އަންހެނުންގެ ޖާގަ". އެވެ. ނުވަތަ އަންހެނުންގެ ބިމެވެ.
މި އަވަށް އާރާސްތު ކުރީ އަންހެނުންގެ މަސައްކަތުން. އަވަށް ބިނާ ކުރަން އަންހެނުން ކުރި މަސައްކަތްތައް ހުންނާޏެ އަހަރަމެންގެ އަރުޝީފުން ފެންނަންވެސް. އަހަރަމެންގެ އަމާޒަކަށް ވީ، ޒާތީ-މިނިވަންކަން ހޯދުން. އަވަށް އާރާސްތު ކުރުމުގެ ކުރިންވެސް އަހަރަމެން ނިންމިން، މި އަވަށް ތަރައްޤީ ކުރާނީ އަހަރަމެން އަމިއްލައަށް ކަން. އަހަރަމެންގެ އަމިއްލަ ދޭ އޮހުރުވައިގެންކަން. އެއީ އަންހެންވަންތަކަން ގެނުވުމަށްޓަކާ.ރުކާން ރުޖްދާ؛ ޖިންވާރުގެ އަވަށުވެރިޔާ
2018 ވަނަ އަހަރު ތަރައްޤީ ކުރި ޖިންވާރު އަވަށުގެ 30 ގެއެއްގައި، އަންހެނުންގެ 20 ޢާއިލާއަކުން ދިރިއުޅެއެވެ. ކުޑަކުދިންވެސް އުޅެއެވެ. ސްކޫލެއްގެ އިތުރުން، ތަމްރީނު ދޭ މަރުކަޒަކާއި، ބޭކަރީއެއްގެ އިތުރުން ދަނޑުބިންތައްވެސް ޖިންވާރުގައި އޮވެއެވެ. އެ ތަންތަނުގައި މަސައްކަތް ކުރަނީވެސް އަންހެނުންނެވެ. މަންމަ ގާތުގައި ހުންނަ ފިރިހެން ކުއްޖާއަށްވެސް، ކައިވެނި ކުރަންދެން ޖިންވާރު އުޅުމުގެ ފުރުޞަތު އޮވެއެވެ.
އަންހެނުންގެ އަވަށުގަ އަހަރެން ދިރިއުޅޭތާ މިހާރު އަހަރަކާ 3 މަސް ވެދާނެ. އަހަންނަށް މިތަން ތަޢާރަފުވި ގޮތާ މެދު ބުނެވޭނީ، އަހަރެން ޙަލަބު ދޫކޮށްލީ ފިރިމީހާ ގާތުން ވަރިވެގެންނޭ. ޙަލަބު ދޫކޮށްލީ ޤަމިޝްލިއަށް ބަދަލުވާންވެގެން. މިތަނުގެ މަޢުލޫމާތު ލިބުނީ އެތަނުން. އެމީހުން ބުނި އަންހެނުންގެ އަވަށޭ ކިއާ އަވަށެއް އޮންނާނޭ. އެއީ އަހަންނާއި، އަހަރެންގެ އަންހެން ދަރިފުޅަށްވެސް ރަނގަޅު ތަނަކަށް ވާނޭ. ރައްކާތެރިކަން ލިބޭ. އުނގެނުމާއި މަސައްކަތްކޮށް، ކަންކަން ދަސްކުރަންވެސް ފުރުޞަތު ލިބޭ. މީ ވަރަށް ކަމުދާ ޚިޔާލެއް.ޔާސްމީން އަހުމަދު؛ ޖިންވާރު އަވަށުގެ ރަށްވެއްސެއް
ޖިންވާރުގެ ރަށްވެހިންގެ ތެރޭގައި ހިމެނޭ އެކަކީ، ޢުމުރުން 33 އަހަރުގެ ޔާސްމީން އަހުމަދުއެވެ. ސޫރިޔާގެ އެންމެ ބައިބޯ ސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޙަލަބު ދޫކޮށް، ޖިންވާރަށް ޔާސްމީން ބަދަލުވީ ކައިވެނި ރޫޅުނު ހިސާބުންނެވެ. ޤާމިޝްލީއަށް މިޞްރާބު ޖަހާފައި ހުރި ޔާސްމީންއަށް ޖިންވާރުގެ ޚަބަރު ލިބުނު ފަހުން އެ އަވަށުގައި އޭނާ ދިރިއުޅޭތާ މިހާރު 15 މަހެއްހާ ދުވަސްވެއްޖެއެވެ. ޔާސްމީންއާއެކު، އޭނާގެ ކުޑަ އަންހެން ދަރިފުޅުވެސް ދިރިއުޅެނީ ޖިންވާރުގައެވެ.
މި ހޭދަވީ ދުވަސްތަކުގަ އަހަންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އަހަންނަށް ކަންކަން އިޙުސާސް ކުރެވޭ ގޮތަށްވެސް ބަދަލު އަތުވެއްޖެ. މިހާރު އަހަރެންގެ އަމާޒެއް އެބަ އޮތް. ޢަޒުމެއް އެބަ އޮތް. މިހާރު އަހަރެން ވިސްނަނީ އަހަރެންގެ ދިރިއުޅުމާ މެދު. ދިރިއުޅުން އާރާސްތު ކުރާނެ ގޮތަކާ މެދު. އެހެން މީހަކާ ނުބައްސާ، އެހެން މީހެއްގެ ނުފޫޒެއް، ކޮންޓްރޯލެއް ނެތި. ކަންކަމުގަ އަހަންނަށްވެސް މިހާރު ބަސްބުނެ އުޅެލެވޭ. އަހަރެން ބޭނުންވާ ގޮތަށް، އަހަރެންގެ އަންހެން ދަރިފުޅު ބޮޑު ކުރެވޭނެ.ޔާސްމީން އަހުމަދު؛ ޖިންވާރު އަވަށުގެ ރަށްވެއްސެއް
ޔާސްމީން ސިފަ ކުރި ގޮތުގައި، ޖިންވާރަކީ ދިރިއުޅުމަށް ލިބުނު އާ މާނައެކެވެ. މިނިވަންކަމާއެކު ދަރިފުޅު ބޮޑުކޮށް، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ތަނަވަސްކޮށްދިން މަންޒިލެކެވެ. އަވަށުގެ އަންހެނުންނާއެކު ދުވާލުގެ ވަޤުތުތައް މަސައްކަތުގައި ހޭދަ ކުރުމަށްފަހު، ޔާސްމީންވެސް ރޭގަނޑުގެ ވަޤުތައް ހޭދަ ކުރަނީ އުފާ ކުރުމުގައި މަޖަލުގެ ތެރޭގައެވެ. ލަވަކިއާ ނެށުމުގެ ތެރޭގައެވެ.
މި އަވަށުން އެންމެ ބޮޑު ސަމާލު ކަމެއް ދެނީ ދަނޑުވެރިކަމަށް. އެކަމުން އަހަންނަށް ވަރަށް ފައިދާ ކޮށްފި. ދަނޑުވެރިކަމާއި ދަނޑުގޮވާން ކުރުމުގެ ތަޖުރިބާތައް ލިބިއްޖެ. މި ބިންދެކެ ހިތުލޯބި ޖެހިއްޖެ. އެއްޗެއް އިންދާ، އެ ގޮވާން ކުރަން ލިބުނީމަ ވަރަށް އުފާވެރި އިޙުސާސެއް ކުރެވެނީ. ނަފްސާނީ ގޮތުންވެސް ހިންދެމިލެވި، ލުއި ލިބިއްޖެ.ޔާސްމީން އަހުމަދު؛ ޖިންވާރު އަވަށުގެ ރަށްވެއްސެއް
ޔާސްމީންއާއެކު ޖިންވާރުގައި ދިރިއުޅުމެނުންދާ، ޢުމުރުން 30 އަހަރުގެ ރުކާން ޔޫސުފްއަކީ އޭނާގެ ކައިވެނީގެ ޙަޔާތުގައި ގެވެށި އަނިޔާ ތަޙައްމަލު ކުރަން ޖެހުނު ޒުވާނެކެވެ.
ކައިވެނި ކޮށްގެން އުޅުނު އިރު، އަހަންނާ މެދު ކަން ކުރަމުން ދިޔައީ އިންސާފަކުން ނޫން. އަނިޔާ ލިބޭ. ކުޑައިމީސްކޮށްލާފަ ބައިނދަނީ. ތާ އަބަދު ގޭ ބަންދުވެފަ، ގޭގެ މަސައްކަތް ކުރަން އިންނަ އަޅަކަށްވެފަ އިންނަން ޖެހުނީ. ވަރަށް ބޭއިންސާނުން އަހަންނާ މެދު ކަން ކުރީ. އަހަންނަކަށް އެކަން ތަޙައްމަލެއް ނުކުރެވުނު.ރުކާން ޔޫސުފް؛ ޖިންވާރު އަވަށުގެ ރަށްވެއްސެއް
މިއަދު ރުކާން މަސައްކަތް ކުރަނީ، ޖިންވާރުގެ ބޭކަރީގައެވެ. ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އެހެން އަންހެނުންނަށް އަތްގާތްކޮށްދީ ހަދަންވެސް ރުކާން ދެއެވެ.
މިތަނުގަ، އަސްލު އަހަންނަކީ ކޮބައިކަން ހޯދިއްޖެ. ބާރު ލިބިއްޖެ. ހެނދުނު ހޭލައިގެން ހުރިހާ އަންހެނުން ދާނީ ދަނޑަށް. އެންމެން އެކީގަ ބޭކަރީގަވެސް މަސައްކަތް ކުރަނީ. ދިރިއުޅުން ވަރަށް އުޖާލާވެއްޖެ. މިކަހަލަ މާޙައުލަކަށް އަހަރެން ބޭނުންޖެހިފަ އިނީ. ކުރިން އަހަންނަށް ނުލިބި އޮތް ލޯބި ބޭނުންވޭ.ރުކާން ޔޫސުފް؛ ޖިންވާރު އަވަށުގެ ރަށްވެއްސެއް
ހަމަ އެކަނި އަންހެނުންނަށް ހާއްސަކޮށްގެން ތަރައްޤީކޮށްފައި ވާ ޖިންވާރުގައި ދިރިއުޅުމުގެ ފުރުޞަތެއް، އެއްވެސް ފިރިހެނަކަށް ނޯވެއެވެ. ނަމަވެސް، ޒިޔާރަތް ކުރުމުގެ ފުރުޞަތު އޮންނަ ކަމަށް، އަވަށު ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ރުކާން ރުޖްދާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޖިންވާރުގެ ދޮރޯށި ފާރަވެރިންގެ ގޮތުގައިވެސް ތިބެނީ އަންހެނުންނެވެ. އަވަށަށް ވަދެ ނުކުމެ ހަދާ މީހުންގެ ކަންކަން، އޭގެ އެންމެ ފުރިހަމައަށް ބަލަހައްޓައެވެ.
ޖިންވާރު އަވަށަކީ، ކެންޔާގެ އުމޯޖާ އަވަށް އަސްލަކަށް ބަލާ، އެކަމުން ހިތްވަރު ލިބިގެން ތަރައްޤީ ކުރި އަވަށެކެވެ. އުމޯޖާ އަވަށުގެ ވާހަކަ، މީގެ ކުރިން ވާނީ ގެނެސްދީފައެވެ.