ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 10:44
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ އަދި މެސީ
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ އަދި މެސީ
ރޮއިޓާސް
ފްރާންސް ލީގު
ޕީއެސްޖީން ލެންސް ބަލިކުރި މެޗުގައި އެމްބާޕޭ އަށް ރެކޯޑެއް
 
އެމްބާޕޭ ވެގެން ގޮސްފައި ވަނީ ފްރާންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށް

ފްރާންސް ލީގުގައި ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ޕީއެސްޖީގެ ތިން ލަނޑު ވެސް އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ. ލެންސްގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ޕީއެސްްޖީ އަށް ލީޑު ނަގައިދިނީ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ އެވެ. އެއީ ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އެ ލަނޑާއެކު އެމްބާޕޭ ވެގެން ގޮސްފައި ވަނީ ފްރާންސް ލީގުގައި ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އެއީ 139 ލަނޑެވެ. މީގެ ކުރިން އެ ރެކޯޑު އޮންނަނީ ފްރާންސް ލީގުގައި ޕީއެސްޖީ އަށް 138 ލަނޑު ޖަހައިދިން އެޑިންސަން ކަވާނީ އަތުގަ އެވެ.

ޕީއެސްޖީގެ ދެ ވަނަ ލަނޑު 37 ވަނަ މިނެޓުގައި ވިޓީނިއާ ޖެހީ ނޫނޯ މެންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ އެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ. މެސީއާ މެދު ޕީއެސްޖީގެ ބައެއް ސަޕޯޓަރުންގެ މެދުގައި ވަނީ ނުރުހުން އުފެދިފަ އެވެ. އެއީ އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އައު ނުކުރާނެ ކަމުގެ އަޑުތައް ފެތުރެމުން ދަނިކޮށެވެ. މެެޗުގައި ލެންސްގެ ހަމައެކަނި ލަނޑު 60 ވަނަ މިނެޓުގައި ޖެހީ ޕްރްޒެމިސްލާވް ފްރެންކޯވްސްކީ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މޮޅާއެކު ޕީއެސްޖީން ވަނީ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 31 މެޗުން 72 ޕޮއިންޓާއެކު އެވެ. ޕީއެސްޖީ އަތުން ބަލިވި ނަމަވެސް ލެންސް އޮތީ ދެ ވަނައިގަ އެވެ. އެއީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 63 ޕޮއިންޓާއެކު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް