މިދިޔަ ޖެނުއަރީ މަހު ޓޫރިޒަމް މިނިސްޓްރީން، ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި ރަށްތަކުގެ ތެރެއިން ދެ ރަށަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ހުކުރު ދުވަހު ބުނީ ހއ. އަލިދުއްފަރު ފިނޮޅާއި ތ. އަޮޅުފުއްޓަށް އަށް ބިޑު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، އަލިދުއްފަރު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ފަސް ފަރާތަކުން ބިޑު ހުށަހަޅާފައިވާއިރު އޮޅުފުއްޓަށް ތިން ފަރާތަކުން ބިޑު ހުށަހަޅާފައިވާ ކަމަށް ބުންޏެވެ. އޮޅުފުށީގައި ރިސޯޓު ތަރައްގީ ކުރަން ދޫކުރަނީ އޮޅުފުށި ފިނޮޅު ހިމެނޭހެންނެވެ.
އަލިދުއްފަރުފިނޮޅު ބީލަމަށް ހުޅުވާލިއިރު ލީޒް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ ކުޑަކޮށް 350،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ އަދި އޮޅުފުށްޓަށް ލީޒް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ ކުޑަކޮށް ހުށަހެޅޭނީ 700،000 ޑޮލަރު ކަމަށްވެސް ވަނީ ބުނެފައެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނީ އަލިދުއްފަރުފިނޮޅަށް އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޯސްޓް ދެއްކި ފަރާތުން ލީޒް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެރަށަށް ދައްކަންޖެހޭ އެންމެ ދަށް އަދަދަށްވުރެ 585.7 އިންސައްތަ ބޮޑުކޮށް ދައްކާފައިވާ ކަމަށެވެ. އަދި އޮޅުފުށްޓަށް އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޯސްޓް ދެއްކި ފަރާތުން ލީޒް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެރަށަށް ދައްކަންޖެހޭ އެންމެ ދަށް އަދަދަށްވުރެ 114.2 އިންސައްތަ ބޮޑުކޮށް ދައްކާފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު 14 ރަށެއްގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލިއެވެ. އެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ފުރުސަތުގައި އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ކ. ކާށިދޫ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދަކާއި ފ. ނިލަންދޫ ފަޅުން 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރާށެވެ. އެ ދެ ތަނަށް ވެސް އެންމެ ދަށް ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު ހުށަހަޅަން ޖެހެއެވެ.
ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި ރަށްތައް
- ހއ. އަލިދުއްފަރުފިނޮޅު
- ހއ. މެދަފުށި
- ހދ. ކުޑަފަރުފަސްގަނޑު
- ރ. އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
- ކ. ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
- ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް -1
- ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް – 2
- ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު)
- ގއ ބޭރަމައުއްޑޫ
- ގއ. ފުނަދޫވިލިގިއްލާ
- ގދ. ހާދުއާ
- ގދ. ކަޅެހުއްޓާ
- ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)