ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 17:17
އިތޯޕިއާއިން އައި އިންޑިއާ މީހާ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި
އިތޯޕިއާއިން އައި އިންޑިއާ މީހާ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތީގެ މައްސަލަ
އިތޯޕިއާއިން ރާއްޖެއައި އިންޑިއާ މީހެއްގެ އަތުން 9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
 
ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު
 
މަސްތުވާތަކެތި އަތުލައިގަތީ 56 އަހަރުގެ މީހެއްގެ އަތުން

އިތިއޯޕިއާއިން ވައިގެ މަގުން ރާއްޖެ އައި އިންޑިޔާ ފަސިންޖަރެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން، 12 އެޕްރީލް 2023 ވަނަ ދުވަހު އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރަކު ހުއްޓުވައި، ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަދި އޭނާގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް