ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 17:02
ޤާސިމް އިބްރާހިމް އާއި ރައީސް ނަޝީދު
ޤާސިމް އިބްރާހިމް އާއި ރައީސް ނަޝީދު
ރާއްޖެއެމްވީ
ނަޝީދުގެ ހުށަހެޅުންތައް ޤާސިމަށް
ޤާސިމް އަށް ނަޝީދުގެ ހުށަހެޅުންތައް: "ނިޒާމް ބަދަލުކުރަން އެބައޮތް، މަޖިލީހުގެ ދައުރު ދިގުދަންމާލާކަށް ނެތް"
ނަޝީދުގެ ފަރާތުން ގިނަ ކަންތައްތައް ހިމަނާ ކަރުދާސްތަކެއް ގާސިމް އަށް ފޮނުއްވާފައިވޭ

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވާކަން ރާއްޖެޓީވީ އަށް ކަށަަވަރުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯދުމަށް އެމްޑީޕީ ޕްރައިމަރީގައި ކުރެއްވި މަސައްކަތް ނާކާމިޔާބުވީ ހިސާބުން ނަޝީދާއި ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ފަރާތްތަކުން ދަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އާއި އެކު ބައްދަލުވުންތައް ބާއްވާ މަޝްވަރާކުރަމުންނެވެ. އަދި މިހާރު މީޑިއާ އާއި މީސްމީޑިއާގެ ބައެއް ވަސީލަތްތަކުގައި ޤާސިމް އަށް ނަޝީދު ހުށަހެޅުއްވި ކަންކަން ކަމަށް ބުނާ ބައެއް ލިޔުންތައް ދަނީ ދައުރުވަމުންނެވެ.

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ނަޝީދާއި އެކުގައި މަސައްކަތް ކުރައްވާ އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް ބުނީ ނަޝީދުގެ ފަރާތުން ގިނަ ކަންތައްތައް ހިމަނާ ކަރުދާސްތަކެއް ގާސިމް އަށް ފޮނުއްވާފައިވާނެ ކަަމަށެވެ. ދައުރުވަމުންދާ ލިޔުންތަކުގައި މަޖިލީހުގެ ދައުރު ދިގުދަންމަން ހުށަހެޅުމާއި، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން ހުވާކުރުމުގެ ކުރިން ވެރިކަމުގެ ނިޒާމާއި ގުޅޭ ވޯޓެއް ނެގުމަށާއި، މަޖިލީހަށް ލިބޭ ބާރުތަކާއި، ރައީސަށް ލިބިދޭ ބާރުތަކުގެ ތަފްސީލްތައް ހިމަނާފައިވެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތުދިން އިތުބާރު ހުރި މަސްދަރަކުން ބުނީ އެ ލިޔުންތަކުގައި ހުރި ހުރިހާ މައުލޫމާތެއް ސައްހަ ނޫން ކަމަށެވެ. އެގޮތުން މަޖިލީހުގެ ދައުރު ދިގުދަންމާލަން ހުށަހަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އަބަދުވެސް ނަޝީދު ވަކާލާތުކުރައްވަމުން ވަޑައިގެންނެވި ކަމަކަށް ވުމާއި އެކު އެ ހުށަހެޅުންތައް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހުށަހެޅި ކަންކަމުގެ ތަފްސީލް ހިއްސާކުރައްވަން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަޝީދު ހުށަހެޅުއްވި ކަރުދާސްތަކުގައި ޤާނޫނީ ބަދަލުތައް ހިމެނޭ އިރު ޤާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅާފައިވެއެވެ.

ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން މިހާރު މަސައްކަތްކުރަމުން ދަނީ ފިކުރެއްގެ ދިރުމުގެ ނަމުގައެވެ. އަދި މި ހަރަކާތަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި ވެސް ސަރުކާރާއި ދެކޮޅަށް ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް