ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އޭސީ މިލާނުން ނަޕޯލީގެ މައްޗަށް ކުރި ހޯދައިފި އެވެ.
އޭސީ މިލާންގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ މޮޅު ކުޅުމެކެވެ. ނަމަވެސް މެޗުގެ ކުރީ ކޮޅު ނަޕޯލީން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަޕޯލީގެ ފޯވާޑް ކްވިޗާ ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅަ ހުއްޓުވީ މިލާންގެ ގޯލް ކީޕަރު މައިކް މައިގްނަން އެވެ. އޭގެ ފަހުން ޕިއޮޓްރޭ ޒިއެލިންސްކީ ފޮނުވާލި ބޯޅަ ވެސް މައިގްނަން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. ފުރަތަމަ ލެގަށް ނަޕޯލީން ކުރިމަތިލީ މި ސީޒަންގައި އެ ޓީމުގައި ވެސް އަދި އިޓާލިއަން ލީގުގައި ވެސް މޮޅު ކުޅުމެެއް ދައްކަމުން އައި ވިކްޓާ އޮސީމެން ނުލަ އެވެ. އޭނާ އަށް އެ މެޗުގައި ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. މެޗުގައި މިލާނުން ލަނޑު ޖެހީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގަ އެވެ. އެއީ މިލާންގެ ރަފައެލް ލެއާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސްމާއިލް ބެނަސޭރު ޖެހި ލަނޑެކެވެ.
މޮޅާއެކު މިލާނުން ވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފަ އެވެ. މި ދެ ޓީމު ނަޕޯލީގެ ދަނޑުގައި ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން މިލާނަށް ސެމީން ޖާގަ ހޯދޭނެ އެވެ. މި ދެ ޓީމަކީ އިޓާލިއަން ލީގުގައި ވެސް ވާދަވެރި ކުޅުމެއް ދައްކަމުން އަންނަ ދެ ޓީމެވެ.