Advertisement
ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 22:36
އެސްއޯއީ ކޮމިޓީގައި ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު އަދި ޑީއެމްޑީ އަލީ އިކްރާމް
އެސްއޯއީ ކޮމިޓީގައި ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު އަދި ޑީއެމްޑީ އަލީ އިކްރާމް
ރައްޔިތުންގެ މަޖިލިސް
ވެމްކޯއިން ކުނި ނަގާ އަގުތައް
ޕްރައިވެޓް ކަލެކްޓާސް އަތުން ނަގާ ފީ ރިވައިސްކުރުމަށް ވިސްނާފައެއްނުވޭ: ސިރާޖު
ވެމްކޯއިން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަންކުރުމަށް މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަންޖެހޭ
ކޮންސްޓްރަކްޝަން ދާއިރާގެ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވިދާނެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ޕްރައިވެޓް ކަލެކްޓާސް ނުވަތަ ކުނި އުކައިދޭ އަމިއްލަ ވިޔަފާރިތަކުގެ ކުނި އުކައިދޭ ފީ ބޮޑުކޮށްފައިވާއިރު އެ ފީ ރިވައިސްކުރުމަށް ނިންމާފައިނުވާކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

ވެމްކޯގެ ޚިދުމަތްތަކުގެ އަގުތަކަށް ބަދަލުގެނެސްފައިވާކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ވެމްކޯގެ އިސް ބޭފުޅުން ހާޒިރުކޮށް ވަނީ އެކަން ސާފުކޮށްފައެވެ. އަންގާރަ ދުވަހު ކުރިޔަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި ދަނގެތި ދާއިރާގެ މެމްބަރ މުހައްމަދު ނާޒިމް ވަނީ ޕްރައިވެޓް ކަލެކްޓަސް އަތުން ވެމްކޯއިން ނަގަމުން އައި ފީ 130 އިންސައްތަ ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޕްރައިވެޓް ސެކްޓަރއިން ފާޅުކުރާކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް އަގު ބޮޑުކުރިކަން އިއުލާންކުރިތާ މާގިނަ ދުވަސްތަކެއް ނުދީ އެކަން ތަންފީޒުވާން ފަށާފައިވުމާއެކު އެކަމުގެ ދަތިކަން ޕްރައިވެޓް ސެކްޓަރ އިން އިހުސާސްކުރާ ކަމަށާއި އެހެންކަމުން އެއަގުތައް ރިވައިސްކުރަން ނުވިސްނާތޯ ސުވާލުކުރެއްވިއެވެ.

Advertisement

އެސުވާލަށް ޖަވާބު ދެއްވަމުން ވެމްކޯގެ އެމްޑީ ޔޫސުފް ސިރާޖު ވިދާޅުވީ ވެމްކޯއިން ދެމުންދިޔަ ޚިދުމަތްތަކަށް ބަދަލު ގެނެސްފައިވަނީ އެކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އަދި އޭޑީބީގެ ކޮންސަލްޓަންޓަކާއެކު ކުރިޔަށްދިޔަ މަޝްވަރާތަކަށްފަހު ކަމަށެވެ. ސިރާޖު ވިދާޅުވީ ކުންޏާ ބެހޭ ގާނޫނު އައިއިރު ކުންޏަކީ އަސާސީ ޚިދުމަތެއް ކަމަށް ކަނޑައަޅާފައިވާއިރު އަސާސީ ހިދުމަތްދޭ އެހެން ކުންފުނިތަކާއި ހިލާފަށް ވެމްކޯއިން ޖީއެސްޓީން ދައްކާކަމަށެވެ.

ވެމްކޯއިން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަންކުރުމަށް މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަންޖެހޭކަމަށާއި އެހެންކަމުން އަގުތަކަށް ބަދަލު ގެނައުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ސިރާޖު ވިދާޅުވިއެވެ. އެކަން ކޮންމެސް ހިސާބަކުން ފަށަންޖެހޭކަމަށް ސިރާޖު ވިދާޅުވިއެވެ.

އެހެންވީމާ އަގުތައް ފެށޭނީ ހަމަ ކުއްލިއަކަށް ހަމަ ގަބޫލުކުރަން. ދެވުނު ވަގުތު ކުޑައީ ކަންނޭންގެ. 20 ދުވަހުގެ އެނައުންސްމަންޓަށްފަހު މިކަން އިމްޕްލިމެންޓް ކުރެވިގެން މިދިޔައީ. ކޮމާޝަލްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެސް ވަރަކަށް ހިއްސާކުރިން ބަދަލު އަންނަމުންދާކަން. ފައިނަލްކޮށްފައި ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ން އައިއިރު ވަގުތުތަކެއް ގެއްލިގެންދިޔަ. އުންމީދުކޮށްގެން ތިބީ އަހަރު ފެށޭއިރުގައި ބަދަލު ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަން. މިދިޔަ އަހަރުން ފެށިގެން ވަރަށް ބައިވަރު މަސައްކަތްކުރެވުނު އަގުތައް އައިޑެންޓިފައި ކޮށްފައި އޮޕަރޭޝަން ހިނގާ އަގުތައް ބަލާ އަގުތައް ކަނޑައެޅުމަށް.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް

ސިރާޖު ވިދާޅުވީ އަގުތައް ބޮޑުވެގެން ކޮންސްޓްރަކްޝަން މަސައްކަތްކުރާ މައި ދެތިން ފަރާތްތަކުން ވެމްކޯއާ ހިސާބަށް އައިސްފައިވާކަމަށެވެ. ނަމަވެސް އެއީ އަގަށް ބަދަލު ގެނައުމަށް ނޫންކަމަށާއި ޚިދުމަތް ދިނުމުގައި ލުއިތަކެއް ދިނުމަށް އެދި ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓް ތަކުން ކުނި އުކާލުމުގައި ވެމްކޯގެ ފްލީޓުން ޚާއްސަ އިސްކަމެއް ދިނުންފަދަ ކަންކަމަށް އެދިފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ވެމްކޯގެ އޮޕަރޭޝަންތައް ރަނގަޅަށް ކުރިޔަށްގެންދިޔުމަށް މިހާރު ލިބޭ ގެއްލުމުން އަރައިގަތުމަށް ފީތަކަށް ބަދަލު ގެންނަންޖެހޭކަމަށެވެ. އެހެންކަމުން އަގުތައް ރިވައިސްކުރުމަށް ވިސްނާފައިނުވާކަމަށާއި ނަމަވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެވިދާނެކަމަށެވެ.

މިހާރު މިލިބޭ ގެއްލުން ފޫބެއްދުމަށް ފިނޭންސުން ލިބޭ ލާރިން، އަޅުގަނޑުމެންނަށް ނެތް އިތުރަށް މިހިދުމަތް ފުޅާކުރެވޭކަށް. ރިވައިސްކުރުމާއި ދޭތެރޭ މިވަގުތު ވިސްނާފައެއް ނެތް. ނަމަވެސް އިންޑަސްޓްރީ ބޭފުޅުންނަށް ދިމާވާ މައްސަލަ ހައްލުކުރުމަށް އިތުރު އޮޕްޝަންތަކެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެވިދާނެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައިވެސް ވެމްކޯގެ ހަރަދުތައް ފޫބެއްދުމަށް 15 މިލިއަން ރުފިޔާ ފިނޭންސުން ދީފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ. 2021 ވަނަ އަހަރު ވެމްކޯއަށް 82 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު ނިމިގެންދިޔަ 2022 ވަނަ އަހަރު 110 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

ވެމްކޯއިން ކުރިން ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނެގީ 750 ރުފިޔާ އެވެ. އަގަށް ގެނައި ބަދަލާއެކު މިހާރު ކުނި އުކައިދޭން ޓަނަކަށް ނަގަނީ 2660 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް