ދާދިފަހުން މެޑިކަލް ޕެރޯލްގެ ދަށުން ދޫކޮށްލައިފައިވާ ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ލިޔު ޝިއަބޯގެ ބަލި ހާލަތު ވަަރަށް ގޯސްވެފައިވާކަމަށް އޭނާގެ ރައްޓެހިންނާއި އަދި ޗައިނާގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މެއަށް ކެންސަރުޖެހިފައިވާ ޝިއަބޯ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ވާއިރު، އޭނާ މިހާރު އޮތީ ޗައިނާ މެޑިކަލް ޔުނިވާސިޓީގައި އެޑްމިޓްކޮށްފައެވެ. އުމުރުން 61 އަހަރުގެ ޝިއަބޯ މައްޗަށް ދައުވާ ކޮށް 11 އަހަރަށް ޖަލަށް ލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގަައި ކަމަށްވާއިރު އޭނާއަށް ހުކުމް ކުރެވުނީ 2009 ގައެވެ. އޭނާ މެޑިކަލް ޕެެރޯލްގެ ދަށުން ދޫކޮށްލެވުނީ މިދިޔަ މަހުއެވެ.
ރިޕޯޓުތައް ބުނާގޮތުން އެނދުމަތިކޮށްފައިވާ ޝިއަބޯ ވަނީ އެހެން ބަލި މީހުންނާ ވަކިކޮށްފައެވެ. އަދި ޕެރަމިލިޓަރީ ފުލުހުން ދަނީ ޝިއަބޯ ގާޑުކުރަމުންނެވެ.
ޝިއަބޯގެ އާއިލީ ރައްޓެއްސެއްް ކަމަށްވާ މަޝްޙުރު ޝާއިރު، ޔެ ޑޫ ޓްވިޓާ ގައި ބުނެފައި ވަނީ ޝިއަބޯ ގެ ހާލަތު ގޯސްވެފައިވާ ކަމަށާއި އޭނާ މާގިނަ ދުވަހު ދިރި ނުހުންނާނެ ކަމަށް އާއިލާއަށް ކަމާބެހޭ ފާރަތްތަކުން އަންގާފައިވާ ކަމަށެވެ.
މެޑިކަލް ސްޓާފުންނާއި އާއިލީ ރައްޓެއްސެކާއި ހަވާލާދީ ހޮންގ ކޮންގްގެ ބްރޮޑްކާސްޓަރެއް ކަމަށްވާ އާރްޓީއެޗްކޭއިން ރިޕޯޓުކޮށްފައި ވަނީ ޝިއަބޯއަށް ބޭސް ދިނުން ހުއްޓާލާފައިވާ ކަމަށާއި އެއީ މާބޮޑަށް ފަރުވާ ދެވޭވަރަށްވުރެވެސް އޭނާ ބަލިވުމުން ކަމަށެވެ.
ޝިއަބޯއަށް 2009 ގައި ހުކުމް ކުރެވުނު އިރު އޭގެ އެއް އަހަރު ފަހުން ނޯބެލް ސުލްހައިގެ އިނާމު އޭނާއަށް ވަނީ ލިބިފައެެވެ. ޝިއަބޯ ގެ މައްޗަށް ދައުވާ ކުރެވުނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ޗައިނާގައި ދިރުވުމަށް އެދި ގޮވާލާ ލިޔުންތަކެއް ލިޔެ، ބަހުމުގެ ސަބަބުންނެވެ.
މެއި 23 ގައި ޝިއަބޯއަށް މޭގެ ކެންސަރު ޖެހިފައިވާކަމަށް އެނގުނުއިރު ޝިއަބޯގެ ކުރެވުނު ހުކުމުގައި ބާކީ ދެން އޮތީ ތިން އަހަރެވެ.
ޖަލު ބަންދުގައި ހުރުމުގެ ސަބަބުން ޝިއަބޯއަށް ލިބުނު ނޯބެލް ސުލްހައިގެ އިނާމު ބަލާ އޭނާއަށް ދެވިފައިނުވާއިރު ރިޕޯޓުތައް ބުނާ ގޮތުން އޭނާއަށް އިނާމާ އެކު ލިބުނު 1.4 މިިލިއަން ޑޮަލަރުގެ ފައިސާވެސް ހޯދާފައެއް ނުވެއެވެ.