ޕާޓީ ބަދަލު ކުރާ މެމްބަރުން ނުވަތަ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކޯޓުން ކަނޑައަޅަން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ތާއިދު ނުކުރާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ދިއުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އަބްދއްރަހީމް ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް ޕީޕީއެމް ޕީޖީ ގުރޫޕްގައި ކުރެވިފައި ނުވާ ކަމަށާއި އަދި އެފަދަ އެއްވެސް މައްސަލަ އެއް ޕީޕީއެމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްފަދައިން މިފަހަރު ވެސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ފެއިލް ކޮށްލާނެ ކަމަށާއި ކާމިޔާބު ލިބޭނީ ޕީޕީއެމް އަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މެމްބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުން ތާއިދު ނުކުރި ނަމަވެސް ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ޕީޕީއެމް މަޖިލިސް މެމްބަރަކު ވިދާޅުވީ އެކަން ކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެކަން ކުރިއަށް ނުދަނީ ރައީސް އަބްދުﷲ ޔާމީން ވެސް ސީދާ އެކަމަށް އަދި ދާއިތުނުކުރައްވާތީއެވެ.
ޕީޕީއެމްގެ މެމްބަރު ވިދާޅުވީ ކޯޓުން އެފަދަ ނިންމުމެއް ނިންމައިފި ނަމަ އެކަމުގެ ގެއްލުން ޕީޕީއެމް އަށް ކުރާނެ ކަމަށާއި ސަބަބަކީ އިދިކޮޅު މެމްބަރުންގެ ތެރެއިން ޕީޕީއެމްއާ ގުޅެން އުޅޭ މެމްބަރުންނަށް ޕީޕީއެމްއާ ގުޅެން ހުރަސް އެޅިގެންދާނެތީ ކަމަށެވެ. އެހެން ކަމުން އެފަދަ ނިންމުމެއް ކޯޓަކުން ނިންމުމަށް ޕީޕީއެމް މަޖިލިސް މެމްބަރުން ތާއިދު ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަން ވަރަށް ރަނގަޅު މަސްދަރުތަކަކުން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ މެމްބަރުން ހިތްހަމަޖެހިވަޑައިނުގަންނަވާނެ ކަމެއް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
މިއީ ތެދެއްކަން ނުވަތަ ނޫން ކަން ވެސް، އަދި މިކަހަލަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ވާކަން ސުޕްރީމް ކޯޓުން އަދި ނުބުނެ އެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މަޖިލީހުގެ މެމްބަރަކު އެ މަގާމުން ވަކިވާ ތިން ހާލަތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިވެ އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔުން ނުވަތަ ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރުން ނުވަތަ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރުމެވެ.