ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނައިރު، އަދިވެސް ބަޔާން މިއުނިކްގެ އިތުބާރު ހޯދަމުން އަންނަ ކަމަށާއި މާޒީގެ ކާމިޔާބަކީ ލިބޭ ޕްލަސް ޕޮއިންޓެެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ޓުޗެލް ބުނީ، ޓީމެއްގައި މަސައްކަތް ކުރާއިރު އެ ބައެއްގެ އިތުބާރު ހޯދަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ބަޔާންގެ އިތުބާރު އޭނާ ވެސް ހޯދަން ޖެހޭނެ ކަަމަށާއި، ކުޅުންތެރިންގެ އިތުބާރަކީ ކޮންމެ ދުވަހަކު ވެސް ހޯދަން ޖެހޭ އެއްޗެއް ކަމަށެވެ. ޚާއްސަކޮށް އައު ޑްރެސިން ރޫމެއްގައި މަސައްކަތް ކުރާއިރު، އަދި މިހާރުގެ ޙާލަތުގައި އިތުބާރު ހޯދަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ސިޓީ ބަލިކޮށް ޗެލްސީއާއެކު އޭނާ ތަށި އުފުލާލުމަކީ ބަޔާންގެ ކުޅުންތެރިންގެ އުންމީދުތައް އުހުގައި ހުރުން އެކަށީގެންވާ ސަބަބެއް ކަމަށެވެ. ނަމަވެސް މިވަގުތު އެ ވާހަކަ މާ ބޮޑަށް ދައްކަން ބޭނުންނުވާ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ޓުޗެލް ބުނީ، މިހާރު ފޯކަސް ހުރީ ބަޔާނަށް ކަމަށާއި، ކުއާޓާ މެޗަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ވެސް ނުލިބުނު ކަމަށެވެ. އެކަން ފާހަގަކޮށް ޓުޗެލް ބުނީ ބަޔާންގެ ކުޅުންތެރިން ދެނެގަނެ، ޓީމު އޮތް ގޮތް އެނގެން ފިނަ ދުވަސް ލިބޭނެ ކަމަށް އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް އެވަގުތެއް ނެތް ކަމަށެވެ. އެހެންކަމުން މިހާރު އެކަމާ މައްސަލައެއް ނެތްކަން ފާހަގަކޮށް އޭނާ ބުނީ، މުޅި ބަޔާން ޓީމައި އޭނާ ވެސް ސިޓީ މެޗަށް ތައްޔާރު ކަމަށެވެ.
މީގެ އިތުރުން ޓުޗެލް ބުނީ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިމް ހާލަންޑަކީ ވަރަށް "ހައި ޕްރޮފައިލް" ކުޅުންތެރިއެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑު ސިޓީ އަށް ގުޅުމަކީ ފާއިތުވި އަހަރުތަކުގައި އެ ޓީމުގައި މަދުވާ ބައި ލިބުން ކަހަލަ ކަމެއް ކަމަށެވެ. އޭނާ ބުނީ ހާލަންޑު ކަހަލަ ކުޅުންތެރިން ހުއްޓުވަމަކީ ވެސް ބައެއް ފަހަރު އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް ބަޔާނުން މަސައްކަތް ކުރާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ އެގޮތުގައި މަސައްކަތް ކޮށްފި ނަމަ، ބަޔާނަށް ވަރަށް ފަސޭހަ ވާނެ ކަމަށެވެ. ޓުޗެލް ބުނީ ބަޔާނާ ހަވާލުވީއިރު ވެސް ޒިންމާ ބޮޑުވާނެ ކަން އިނގޭ ކަމަށާއި، އެއާއެކު އަވަސް މުައްދަތެއްގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ކުޅުމަކީ ވެސް ޕްރެޝަރެއް ކަމަށެވެ. ނަމަވެސް ބަޔާންގެ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި، ބޭނުން ވަނީ އަމިއްލަ ދަނޑުގައި އޮންނަ މެޗުގެ ކުރިން ހަމަޖެހުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ބަޔާންގެ ކޯޗު ކަމާ ޓުޗެލް ހަވާލުވީ ދާދި ފަހުންނެވެ. އެއީ އެ ތީމުގައި ކުރިން ހުރި ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު އެވެ. އެއަށްފަހު މިހާތަނަށް އެ ޓީމުން ކުޅުނީ ވެސް އެންމެ ތިން މެޗެވެ. އޭގެ ތެރެއިން މޮޅުވީ ޖަރުމަނު ލީގުގެ ދެ މެޗުންނެވެ. ޖަރުމަނު ކަޕްގެ ކުއާޓާގައު ފްރެއިބާގް އަތުން ބަލިވެ ކެޓީ އެވެ. އެެހެންކަމުން މިހާރު ޓުޗެލް އަށް ވެސް ޕްރެޝަރު އޮންނާނެ އެވެ.