ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 12:41
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލިސް
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުންކުރާ މަސައްކަތަށް މެންބަރުންގެ ތައުރީފް
މެންބަރުން އެފަދައިން ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ގޮވާލާ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުންކުރާ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތައުރީފްކުރައްވައިފިއެވެ.

މެންބަރުން އެފަދައިން ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ގޮވާލާ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ޤަރާރަށް ބަހުސްކުރައްވަމުންނެވެ. ބައެއް މެންބަރުން ވަނީ ފަރުވާގެ ނިޒާމް އަދިވެސް ރަނގަޅު ނޫން ކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ.

ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވީ އިންޓަރނޭޝަނަލް ކޯޕަރޭޝަންތަކާއެކު މަސައްކަތްކުރުމާއި ސަރުކާރުން އިސްނަގައިގެން ކަންކަން ރަނގަޅުކުރުމަށް އާ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އަދި ހަގީގަތަށް ވާހަކަދައްކާ ނަމަ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރި ވަރަށް އެެހެން ސަރުކާރަކުން މަސައްކަތް ނުކުރާކަން އެނގޭނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޖަލުގައި ތިބި ގައިދީންނަށް މަސްތުވަތަކެތި ބޭނުންކުރުން ހުއްޓާލުމަށް ފަރުވާދީ ރިހިބިލިޓޭޓްކުރުމާއި، ފަރުވާގެ ނިޒާމް ލާމަރުކަޒީކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ ކުޑަކުދިންނާއި ޒުވާނުން ހިމެނޭހެން މަސްތުވާތަކެތީގެ ވަބާގައި މީހުން ޖެހެމުންދާކަމީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ ހައްލުކުރަން ސަރުކާރުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހަށް ގަރާރެއް ހުށަހެޅުމުގެ ބަދަލުގައި ރަނގަޅު ޤާނޫނީ ބަދަލުތައް ގެނައުން މާ ފައިދާ ބޮޑު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ޑްރަގްގެ ވިޔަފާރިކުރާ މީހުންނާއި ޑްރަގް ބޭނުން ކުރުމަކީ ހަމައެކަނި މި ސަރުކާރުގައި ޖެހިގެން އުޅޭ މައްސަލަ އެއް ނޫން ކަމަށެވެ. ޑްރަގްގެ މައްސަލަ ހައްލުކުރަން އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކުރީ މި ސަރުކާރުން ކަަމަށް އެނާ ވިދާޅުވިއެވެ. ޝަރީފް ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ފަރުވާ ދިނުމަށް އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ވަސީލަތުގެ ދަތިކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވެސް ވަނީ ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.

- ކޮމެންޓް