ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 08:37
ރައީސް ގުރައިދޫއަށް ވަޑައިގަތުން
ރައީސް ގުރައިދޫއަށް ވަޑައިގަތުން
އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސް، ގުރައިދޫ ކައުންސިލަށް: ރައްޔިތުންނަށް ގޯތި ދޫކުރުން އަވަސްކޮށްދެއްވާ
ގޯތި ދޫކުރުމުގެ ބާރު އޮތީ ކައުންސިލުގެ އަތްމަތީގައި ކަން ފާހަގަކުރައްވައި އެ ބިން އެގޮތަށް ނުބޭއްވުމަށް އެދިވަޑައިގެންނެވި
ބިން ދޫކުރުން ލަސްވާނަމަ ޤާނޫނުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ހޯއްދަވާނެ ކަމަށް ވިދާޅުވި
ހިއްކި ބިމުން ރައްޔިތުންނަށް ވީހާވެސް އަވަހަށް ގޯތި ހަމަޖެހިގެން ދިއުމަކީ ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވި

ގުރައިދޫ ބިންހިއްކާފައިވަނީ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވާތީ ކަމަށާއި އެކަން ވީހާވެސް އަވަސްކޮށްދިނުމަށް އެ ރަށު ކައުންސިލުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން އެދިވަޑައިގަތީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ހޯމަ ދުވަހު އެ ރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން ބިން ހިއްކައިދިނުމަށް ރައްޔިތުން އެދުނު ކަމަށާއި އޭގެ ފަހުން ޕިކްނިކް އައިލެންޑަކަށް އެދިފައިވާއިރު އެކަންކަން މިހާރު ނިމިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު ބޭނުންފުޅުވަނީ ހިއްކި ބިމުން ރައްޔިތުންނަށް ވީހާވެސް އަވަހަށް ގޯތި ހަމަޖެހިގެން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ގޯތި ދޫކުރުމުގެ ބާރު އޮތީ ކައުންސިލުގެ އަތްމަތީގައި ކަން ފާހަގަކުރައްވައި އެ ބިން އެގޮތަށް ނުބޭއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ މަސައްކަތް ލަސްވާނަމަ ޤާނޫނުގެ ތެރެއިން އެކަން ކުރެވޭނެ ގޮތެއް ހޯއްދަވާނެ ކަމަށާއި އެބިމުގައި އިތުރު ކަމެއް ކުރަންވާނީ ރައްޔިތުންނަށް ބޭނުންވާ ބިން ދޫކުރުމަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކަންބޮޑުނުވޭ! އެ ބޭނުންވާ ގޯތި ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައިދޭނަން،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު

ގުރައިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސޯޝަލް ހައުސިންގެ މަޝްރޫއެއް ކުރިއަށްގެންދިއުމުގެ ޝައުގުވެރިކަން ވެސް ރައީސް ވަނީ ފާޅުކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ސޯޝަލް ހައުސިންގ އެޅުމަށްޓަކައި ވަކި ރަށްތަކެއް ކަނޑަނާޅައި ބަޖެޓެއް ހިމަނާފައިވާކަމަށާއި އެކަމަށް ބިން ބޭނުންވާނެތީ ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ރައްޔިތުން އެދެމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންވެސް މިއަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓެންޑަރއަށް ހުޅުވާލެވޭނެ ކަމަށެވެ. އަދި ޒަމާންތަކެއްވީ ނަރުދަމާ ނިޒާމުގެ މައްސަލައަށްވެސް މި ސަރުކާރުން ހައްލު ހޯދައިދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތްތަނުގައި މި ސަރުކާރުން މަސައްކަތް ކުރާނީ އެއްވެސް ބަޔަކު ބާކީނުކޮށް އެންމެނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށްކަން ހާމަކޮށް ރައީސް ވިދާޅުވީ ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ހޮއްވަވައިފިނަމަ ސަރުކާރާ ގުޅިގެން އޭނާ އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޝާޒް އަކީ ހީވާގި، ރައްޔިތުންނާ ގުޅޭ ބޭފުޅެއް ކަމަށާއި އޭނާ އަކީ ކުރިންވެސް ރައްޔިތުން ބޭނުންވާކަންކަން ސަރުކާރާ ހިއްސާކުރައްވައި އެކަންކަން ހަގީގަތަށް ހެދުމުގައި އެހީވަމުން އަންނަ ބޭފުޅެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް