ކ. މާލެ
|
6 ޖުލައި 2017 | ބުރާސްފަތި 13:26
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ސަން
އެސްއޯއެފް
އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލާގައި އެސްއޯއެފްއިން ކޯޓަށް ނުދިޔައީ ޗިޓް ލިބިފައި ނުވާތީ: ވަކީލް
މި މައްސަލާގައި ދެން އެންމެ އަވަހަށް ބާއްވާ ޝަރީޢަތަކަށް އެސްއޯއެފް އިން ދާނެ
ފުރަތަމަ އަޑުއެހުން ވެސް ކެންސެލް ކުރީ އެސްއޯއެފް ހާޒިރު ނުވުމުން
އެމްއެމްޕީއާރުސީ ހާޒިރުނުވި ކަމަށް ބުނެ މީގެކުރިން މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލަ އެންމެ ފަހުން ސިވިލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުނުވީ އެސްއޯއެފް އަށް ޗިޓް ލިބިފައި ނުވާތީ ކަމަށް އެސްއޯއެފްގެ ވަކީލް ވިދާޅުވެއްޖެއެވެ. 
އެސްއޯއެފް އިން ވަކިއެއްޗެއް ނައަންގާ ކޯޓަށް ހާޒިރުނުވުމުން އެ ކުންފުނީގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ކޯޓުން ބުނެފައި ވާތީ އެކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްއޯއެފްގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އެންމެ ފަހުން މި މައްސަލާގައި ސިވިލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުމަށް އެސްއޯއެފް އިން ގަސްތުގައި ހާޒިރު ނުވީ ނޫން ކަމަށާއި އެސްއޯއެފް އަށް މައްސަލައިގެ ޗިޓް ލިބިފައި ނުވާ ކަމަށެވެ. 
ހަސީން ވިދާޅުވީ ދެން އެންމެ އަވަހަށް މި މައްސަލާގައި ސިވިލް ކޯޓުގައި ބާއްވާ ޝަރީޢަތުގެ އަޑުއެހުމަށް އެސްއޯއެފް އިން ދާނެ ކަމަށެވެ. އަދި ކުރިއަށް ތަނުގައި ކޮންމެ އަޑުއެހުމެއް ނިމުމުން ޖެހިގެން ބާއްވާ އަޑުއެހުމެއްގެ ޗިޓް ކޯޓުން ހޯދާނެ ކަމަށް ހަސީން ވިދާޅުވިއެވެ. 
އެމްއެމްޕީއާރުސީން އެސްއޯއެފްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމަށް އެސްއޯއެފް އިން ހާޒިރުވެފައި ނުވުމުން  ކޯޓު އޮފިޝަލް ވިދާޅުވީ މައްސަލާގައި ދެން އެސްއޯއެފް ފޮނުވާނީ ރަތް ޗިޓެއް ކަމަށެވެ. އެ ޗިޓަކީ މައްސަލަ ޣައިރުހާޒިރުގައި ކުރިއަށް ގެންދާނެކަން އަންގާ ފޮނުވާ ޗިޓެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 
އެމްއެމްޕީއާރުސީން އެސްއޯފްއާ ދެކޮޅަށް ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ފެށި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވިއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް ބަދަލުކޮށް ނިމިފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ. 
އޭރު އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހެޅި އެމްއެމްޕީއާރުސީ ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރު ނުވި ކަމަށް ބުނެއެވެ. ނަމަވެސް އެމްއެމްޕީއާރުސީން ވެސް އެފަހަރު ބުނެފައި ވަނީ އެ ފަރާތުން ޝަރީޢަތަށް ހާޒިރު ނުވީ މައްސަލައިގެ ޗިޓް ލިބިފައި ނުވާތީ ކަމަށެވެ.
އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.
އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ އަދި ހިބަޅިދޫމައްސަލައާއިއެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށްލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވެއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަންރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.

- ކޮމެންޓް