ހުޅުމާލޭގައި ތަރައްގީ ކުރެވޭ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ސޯޝަލް ހައުސިން އަދި މަތީ ފަންތީގެ ހައުސިން ޔުނިޓް ގާއިމް ކުރެވިފައިވާ މިންވަރުގައި އެހާ ތަފާތު ބޮޑީ ފައިނޭންސް ކުރާނެ ރަގަޅު ނިޒާމެއް ނެތުމުން ކަަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ފައިނޭޝަލް އެކްސްޕޯ 2017" ގައި ވާހަކަދައްކަވަމުން ސައިމަން ވަނީ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ ހައުސިން ޔުނިޓްތައް ބެހިފައިވާ މިންގަނޑުގެ ތަފާތުތައް ފާހަގަކުރައްވާފަ އެވެ.
ސައިމަން ވިދާޅުވީ، ހުޅުމާލޭގައި 30 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ އިރު މީހުން ދިރިއުޅެމުންދަނީ ގާތްގަނޑަކަށް 2,500 ފްލެޓްގައި ކަމަށެވެ. އެގޮތުން އޭގެ ތެރެއިން 2,000 ފްލެޓަކީ ސޯޝަލް ހައުސިން ޔުނިޓްތައް ކަމަށާއި ބާކީ ހުރި 400 އަކީ މިޑް ރޭންޖް އަދި ހައި އެންޑްގެ ހައުސިން ޔުނިޓްތައް ކަމަށެވެ. މީގެ އިތުރުން ގޯތީގެ ގޮތުގައި 450 ގޯތި ވަނީ ހުޅުމާލެއިން މިހާތަނަށް ދޫކުރެވިފަ އެވެ.
އެޗްޑީސީން ހުޅުމާލޭގައި މިޑް ރޭންޖް އަދި ހައި އެންޑްގެ ހައުސިން ޔުނިޓްތައް އިތުރުކޮށް މިހާރު އޮތް ބޮޑު ފަރަގު ކުޑަ ކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިކަން ހައްލު ނުވެގެން އުޅެނީ، ހައުސިން ޔުނިޓްތައް ގަތުމައްޓަކާއި ބޭނުންވާ ފައިސާ ހޯދުމަށް އެންމެ އެކަށޭނަ ފުރުސަތުތަކެއް ނެތުމުން ކަމަށެވެ.
" މިޑް ރޭންޖް އަދި ހައި އެންޑްގެ ހައުސިން ޔުނިޓްތަކަށް ފައިނޭންސް ނުކުރެވިފައި އޮތް އޮތުމަކީ ފައިނޭޝަލް އިންސްޓިއިއުޓްސްތަކާއި ޑިވެލޮޕަރސްއާ އެކު މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ގާއިމް ކުރެވިފައި ނެތުން،" ސައިމަން ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ވެސް 1400 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ކުރަމުންދާ އިރު މިފަދަ އެކްސްޕޯއެއްގެ ތެރެއިން ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ފައިސާ ހޯދުމަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވީ ގެދޮރުވެރިކަމާ ނުލާ ވެސް ގައުމެއްގެ އިގްތިސާދު ކުރިއަށްގެންދެވިދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނަށް ތަރައްގީގެ ފޮނި މީރުކަން ގެނެސްދެވޭނީ ގެދޮރު ފޯުކޮށްދީގެން ކަމަށެވެ.
މިކަން މިގޮތަށް ބައްޓަން ކުރެވޭނީ ހައުސިން ޕޮލިސީތައް އެގޮތަށް އެކުލަވާލެވިގެން ކަމަށާއި ގެދޮރު އިމާރަތް ކުރުމަށް ކުރުމަށް ކުރާ ހަރަދު އަތްފޯރާ ހިސާބަށް ގެނެސްގެން ކަމަށެވެ.
" ރާއްޖޭގައި އެންމެ މުހިއްމު ކުރިއެރުމެއް އައިސްފާއި އޮންނަންޖެހޭނެ ދައިރާއަކީ ގެދޮރުވެރިކަން.ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ، ރައްޔިތުން ބާރުވެރިކުރެވޭނީ ގައުމުގެ ފޮނިމީރުކަން ރައްޔިތުމީހާއަށް ގެނެސްދީ އޭނާގެ މޫނަށް ހިނިތުންވުން ގެނެސްދެވޭނީ ކޮންމެ މީހަކަށް ވެސް އަމިއްލަ ގެދޮރު ލިބިގެން. އަދި އެއީ ޝަރަފުވެރިކަމާއި އަބުރުވެރި ކަމާއެކީ އެނާއަކީ އޭނާގެ އައިލާއަށް ދިރިއުޅެވޭ ވަރުގެ ގެއެއް ނުވަތަ ފްލެޓަށް ވެގެން،" އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ، ކޮންސްޓްރަކްޝަން ކުންފުނިތަކަށް މާލީ އިދާރާތަކުން ހަރަދު ކުޑަގޮތެއްގައި ލޯނު ލިބޭނެ ފުރުސަތު ފަހިވެގެން ނޫނީ މިކަން ހައްލު ނުވާނެ ކަމަށެވެ. އަޒީމާ ވިދާޅުވީ، ހއުސިން ލޯނަކީ އެންމެ އާދައިގެ މީހާގެ މުޒާރައިން ދެއްކޭނެ ލޯނަކަށް ވާންޖެހޭ ކަމަށާއި މިފަދަ ލޯންތަކަކީ ހަމައެކަނި މުއްސަދިންނަށް ނުވަތަ ބޮޑު މުސާރަ ލިބޭ މީހުންނަށް ލިބޭ އެއްޗަކަށްވާނަމަ ރާއްޖޭގެ ގެދޮރުވެރިކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ.