ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ނިންމާފައިވާ 7,000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ނިމުމުގެ ކުރިން ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރުބާރު ގޭގައި ބުރާސްފަތި ދުވަހު ފެށި "ފައިނޭންޝަލް އެކްސްޕޯ 2017" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން، ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލެއަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހުޅުމާލޭގައި މިހާތަަން ގާއިމް ކުރެވިފައި ވަނީ 2,500 ހައުސިން ޔުނިޓް ކަމަށްވާ އިރު، މިއީ ވަރަށް މަދު އަދަދެއް ކަމަށެވެ.
ހުޅުމާލޭގައި އެންމެ އެކަށީގެންވާ މިންވަރަށް މިފާއިތުވެދިޔަ ދުވަސްތަކުގައި ގެދޮރުވެރިކަމަށް ހައްލެ ހޯދާދެވިފައިނުވާ އިރު ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މި ކަމަށް އަވަސް ހައްލުތަކެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އެއްފަހަރާ 7,000 ފްލެޓް އެޅުމަށްޓަކައި ލޯނު ހަމަޖެހިފައިވާ އިރު، އެ މަސައްކަތުން މާލޭގެ ގެދޮރުވެރިކަމަށް ހައްލުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޝޯޝަލް ހައުސިންގެ ގޮތުގައި 7,000 ފްލެޓް އެޅިގެންދާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މުޅި ޖުމްލަ 40,000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މާލޭގެ އިތުރަށް އަތޮޅުތަކުގައި ވެސް ގެދޮރުވެރިކުރުވުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށެވެ.
" މިހާރު މަސައްކަތް ނިމިފައިވާ އެތައް ސަތޭކަ ހައުސިން ޔުނިޓްތަކެއް އެބަހުރި. އައްޑޫ ސިޓީ، ފުވައްމުލަކު، ހުވަދުއަތޮޅުގެ ގިނަ ރަށްތަކެއްގައި އަދި އުތުރުގެ ގިނަ ރަށްތަކެއްގައި އެބަ ހުރި ވަރަށް ގިނަ ހައުސިން ޔުނިޓްގެ މަސައްކަތްތައް ނިމިފައި. މީގެ ތެރެއިން މިހާރު ކުރެވެމުންދަނީ އެ ތަންތަން ހަވާލު ކުރުމުގެ މަސައްކަތްތައް،" މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން ސަރުކާރުގެ ވިސްނުމަކީ، ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ހިންގާ، ރައްޔިތުންނަށް ގެދޮރު ހޯދާދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
" ގެދޮރިވެރިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގައި މިހާރަށްވުރެ ބޭންކްތަކުގައި ފައިސާ ހޯދުމަށް ފަސޭހަ ގޮތްތަކެއް މަގުފަހިވެއްޖެނަމަ ކުރިއަށް އޮތްތަނުގައި ގެދޮރުބިނާކުރުމަށް ފަރުދީ ފެންވަރުގައި ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަތަކެއް ވެގެންދާނެ،" މުއިއްޒު ވިދާޅުވި އެވެ.