ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 00:32
ޔުވެންޓަސް އަށް ކުޅެމުން އަންނަ ރަބިއޮޓް
ޔުވެންޓަސް އަށް ކުޅެމުން އަންނަ ރަބިއޮޓް
ޓްވީޓަރ
ޔުވެންޓަސް
ރަބިއޮޓްގެ ޝައުޤުވެރިކަން ޕްރިމިއާ ލީގަށް، މަޑުކުރަނީ ކުލަބާ މަޝްވަރާކުރުމަށް
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ރަބިއޮޓް ޔުވެންޓަސް އަށް ބަދަލުވީ 2019 ވަނަ އަހަރު

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓަ މިޑްފީލްޑަރު އެޑްރިއަން ރަބިއޮޓްގެ ޝައުޤުވެރިކަން އިނގިރޭސި ޕްރިމިއާ ލީގަށް އޮތް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ޔުވެންޓަސްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާތަނަށް ޔުވެންޓަސް އިން އޭނާގެ އެއްބަސްވުން އައުކޮށްފައިނުވާއިރު، އެކަމުގެ ރަސްމީ މަޝްވަރާއެއް ވެސް ކޮށްފައިނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ރަބިއޮޓް ބުނީ އައު އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު ކުލަބުގައި މަޑު ކުރާނެ ކަމާމެދު އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޒާރު ކުރަމުން ދަނީ ކުލަބާއެކު ކުރެވޭނެ މަޝްވަރާއަކަށް ކަމަށެވެ. އެހެންކަމުން މުސްތަޤުބަލުގައި ވާނެ ގޮތެއް ނުވަތަ ހުންނާނެ ވަކި ކުލަބެއް ބުނަން ދަތި ކަމަށް ވެސް އޭނާ ބުންޏެވެ.

ރަބިއޮޓްގެ ޝައުޤުވެރިކަން ޕްރިމިއާ ލީގަށް އޮތް ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ބައެއް ކުލަބުތަކުން ވެސް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ނަމަވެސް ޔުވެންޓަސް އިން އަދި ވެސް ބާރު އަޅާނީ އޭނާ ކުލަބުގައި ބެހެއްޓުމަށް ކަމަަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށް އޮތް ދުވަަސްތަކުގައި ކުރެވޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ރަބިއޮޓް ޔުވެންޓަސް އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވީ ވެސް ޕީއެސްޖީއާއެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޔުވެންޓަސް އަށް ބަދަލުވެ މިހާތަނަށް އެ ކުލަބަށް ކުޅެދިން 164 މެޗުގައި ރަބިއޮޓް ވަނީ 16 ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މި ސީޒަންގައި ވެސް ރަބިއޮޓް އަންނަނީ ޔުވެންޓަސްގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކައިފަ އެވެ. މިހާތަަނަށް އޭނާ ވަނީ 10 ލަނޑު ޖަހައިފަ އެވެ. އެއީ އިޓާލިއަން ލީގުގައި ޖެހި އަށް ލަނޑާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖެހި ދެ ލަނޑެވެ.

- ކޮމެންޓް