އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި ދޫކުރި ނުވަ ރަށެއްގެ މައްސަލައިގެ ދައުވާ ކުރުމަށް ފޮނުވުމުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އިން ބުނެފި އެވެ.
ރާއްޖޭގެ ތާރީޚުގައި. މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ނިންމައި، ދައުވާކުރުމަށް ފޮނުވުމުގެ މަރުހަލާ ފެށުނުތާ ދެ މަސް ދުވަސް ވަނީ ވެފަ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ނުވަ ރަށެއްގެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ތަހުގީގު ފުރިހަމަކުރެވިފައިވާ ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަތަކުގައި ދައުވާ ކުރުމަށް ހުށަހެޅުމަށް އޭސީސީއަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، އަދި އެ މައްސަލަތަކުގައި ދައުވާ ކުރުމަށް އޭސީސީން ނުފޮނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް 50 އަށް ވުރެ ގިނަ ރަށާއި ފަޅު ދޫކޮށްފައިވާއިރު، ބާކީ ހުރި ރަށްތަކުގެ މައްސަލައިގެ ދައުވާ ކުރުމުގެ މަރުހަލާ މިހާރު ވެސް ކުރިއަށްދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭސީސީގެ ވެރިއަކު ފޯނަށް ޖަވާބު ނުދެއްވާތީ އެ ކޮމިޝަނުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓްރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.
ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށްލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޚުލާސާ ރިޕޯޓް ނެރޭނީ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ފަހުގަ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް ނުނެރެ ގިނަ ދުވަސްތަކެއް ފާއިތުވެފައި ވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އޭސީސީން ބުނަމުންދަނީ ތަހުގީގު ދިގުދެމިގެން ދިޔައީ، މިދިޔަ އަހަރު އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާއި އޭގެ ފަހުން ހާމަވި ކަންތައްތަކާއެކު އިތުރަށް ތަހުގީގުތައް ކުރަން ޖެހުމުން ކަމަށެވެ. ނަމަވެސް، އެކިފަރާތްތަކުން ތުހުމަތު ކުރަމުންދާ ގޮތުގައި ރިޕޯޓް ލަސްވަނީ އޭސީސީގެ މައްޗަށް ހުރި ނުފޫޒުތަކެއްގެ ސަބަބުންނެވެ.