ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން ސެވިއްޔާ އެއްވަރުވެއްޖެ އެވެ.
ސެވިއްޔާގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ސެވިއްޔާ އިން ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ސެލްޓަ ވީގޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަކޮށް، ޕޮއިންޓެއް ހޯދައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ދެ މިނެޓު ކުރިން ސެވިއްޔާ އަށް ލީޑު ނަގައިދިނީ ޔޫސުފް އެން-ނެސީރީ އެވެ. އެއީ އެ ޓީމަށް ކުޅެމުން އަންނަ ސުސޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ދެ ވަނަ ހާފަށް ނިކުމެ ސެވިއްޔާ އިން ވަނީ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ސެވިއްޔާ އަށް ލީޑު ފުޅާކޮށްދިނީ އާޖެންޓީނާގެ މާކޯސް އަކުނާ އެވެ. ދެ ލަނޑުގެ ލީޑެއްގައި ސެވިއްޔާ އޮއްވާ، ސެލްޓަ ވީގޯ އިން ނަތިޖާގެ ފަރަގު ކުޑަ ކުރީ 89 ވަނަ މިނެޓުގަ އެވެ. ޖޯޖެން ސްޓްރެންޑް ލާސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މިހުއޭލް ރޮޑްރިގޭޒް އެވެ. ސެލްޓަ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރޭގަ އެވެ. ހޫގޯ މާލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސެލްޓަ އަށް ނަތީޖާ ހަމަހަަމަކޮށްދިނީ ގޮންސާލޯ ޕަސިއެންޝިއާ އެވެ.
މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ސެވިއްޔާ އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 28 މެޗުން 32 ޕޮއިންޓާއެކު އެވެ. ސެލްޓަ އޮތީ 28 މެޗުން 36 ޕޮއިންޓާއެކު ނުވަ ވަނައިގަ އެވެ.