މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު މަތިންދާ ބޯޓުގެ ފުރަތަމަ ފްލައިޓް ކައްދޫ އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިއްޖެއެވެ.
މޯލްޑިވިއަނުން ބުނީ 42 މަރުކާގެ މި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 1200 ޖަހާއިރު ކަމަށެވެ. އަދި މި ބޯޓު ދަތުރުކުރާނީ 26 ފަސިންޖަރުންނާއެކު ކަމަށް ވަނީ ބުނެފައެވެ.
މޯލްޑިވިއަންގެ 3 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ އޭޕްރިލް ދެވަނަ ދުވަހުއެވެ. މި ބޯޓަކީ 46 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓާއެކު ޤައުމީ އެއަރލައިންގެ ފްލީޓް 14 ބޯޓަށް މިހާރު ވަނީ އިތުރުވެފައެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާޢިޝަތު ޖެނިފާ ވިދާޅުވީ މިއީ އައިލެންޑް އޭވިއޭޝަންގެ ހަޔާތުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.
ޖެނިފާ ވިދާޅުވީއަމާޒަކީ ކުރިއަތް އޮތް އަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ފްލީޓް އައު ކުރުން ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް އައު ކުރުމަށް މިހާރު ގެނެސްފައިވާ 3 ބޯޓާއެކު ޖުމްލަ 8 ބޯޓް ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
ޖެނީފާ އިތުރަށް ވިދާޅުވީ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އިރުޝާދާއެކު ޑޭޝް މަރުކާގެ ބޯޓު ނުގެންނަން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ސްޕެއާރ ޕާޓްތައްވެސް ލިބުން ވަރަށް ދަތި ކަމަށާއި ޑޭޝް 8 ގެ ހުރިހާ އެއަރކްރާފްޓެއް ފޭސް އައުޓް ކުރުމުގެ ޕްލޭން މިހާރު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
އައު މަތިންދާބޯޓުތަކެއް ގެންނަން ނިންމީ މޯލްޑިވިއަން އިން މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވެ، އޭގެ މެއިންޓަނެންސްގެ ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލްއަށް ވެސް ބުރޫއަރާތީ އެވެ. މި އާ ބޯޓުތަކާއެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.