ޓެރެރިޒަމަށް ވާގިވެރިވެދޭ ކަމަށް ތުހުމަތުކޮށް ގަތަރާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅައި މައްސަލަ ހައްލުކުރުމަށް އެ ގައުމަށް ކޮށްފައިވާ ޑިމާންޑްތަކާ މެދު ޤަތަރުން ސީރިއަަސް ނޫން ކަމަށް ސައުދީ އަރަބިއްޔާ އާއި އެ ގައުމާ ބައިވެރިވާ ގައުމުތަކުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ބުދަ ދުވަހު ނެރުނު މި ބަޔާން ނެރެފައިވަނީ ސައުދީ، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ބަހްރެއިންގެ ޚާރިޖީ ވަޒީރުން މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
އެ ބައްދަލުވުން ބާއްވާފައި ވަނީ ޤަތަރަށް ހުށަހަޅާފައިވާ ޑިމާންްޑްތަކާ ބެހޭ ގޮތުން އެ ގައުމުން ހުށަހެޅި ޖަވާބަށް ފަހުއެވެ.
ގާހިރާގައި ގުޅިގެން ބާއްވާފައިވާ ނޫސްކޮންފަރެންސްގައި މިސްރުގެ ޚާރިޖީވަޒީރު ސާމިހް ޝުކްރީ ވިދާޅުވީ ޤަތަރުން ދީފައިވާ ޖަވާބަކީ ޖުމްލަކޮށް ބަލާއިރު އިދިކޮޅު ޖަވާބެއް ކަމަށެވެ. އަދި ޤަތަރާ މެދު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމުގެ ބިންގާ އެޅުން ފެއިލްވެއްޖެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ގަތަރުގެ ރައްދަކީ ހާލަތުގެ ނާޒުކުކަން ދެނެގަނެވޭ ފަދަ ރައްދެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން އުއްމީދުކުރަން ހިކުމަތްތެރިކަން ކުރިއަށް ނެރޭނެ ކަމަށް. އަދި އެންމެ ފަހުން ގަތަރުން ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް" ޝުކްރީ ވިދާޅުވިއެވެ.
ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޤަތާރާ މެދު ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް، އެ ކަންކަމަށް އެކަށީގެންވާ ވަގުތުތަކުގައި އަޅާނެ ކަމަށެވެ.
އާދިލް އަލް ޖުބެއިރު ވިދާޅުވީ ގަތަރުގެ ސޔާސަތުތައް ބަދަލުކުރަންދެން ސިޔާސީ އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގޮތުގައި އޮންނާނެ ކަމަށެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚާރިޖީވަޒީރު އަބްދުﷲ ބިން ޒައިދް އަލް ނަހްޔާން ގެ ބަސްމަގު ގަތަރާ މެދު ހުރީ މާ ހަރުކަށި ކޮށެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ގަތަރުގެ ޝައުގުވެރިކަން ހުރީ ފަނާކުރުމާއި ފިތުނައުފެއްދުމާއި ހައްދުފަހަނަ އެޅުމާއި ޓެރެެރިޒަމަށް ކަމަށެވެ. އެ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.
މި ހަތަރު ގައުމުން ވަނީ 13 ނުކުތާއެއްގެ މައްޗަށް ހިމެނޭ ޝަރުތުތަކެއް ޖޫން މަހުގެ 22 ވަނަ ދުވަހު ގަތަރަށް ހުށަހަޅައި ޖަވާބުދާރީ ވުމަށް 10 ދުވަސް ދީފައެވެ.
މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ކުވެއިތުގެ އެދުމުގެ މަތިން އެ މުއްދަތު ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ޑިމާންޑްތަކާ މެދު ހޯމަ ދުވަހު ޤަތަރުން ހުށަހަޅާފައިވާ ރައްދު އަދި ހާމަކޮށްފައެއް ނުވެއެވެ.ނަމަވެސް ޤަތަރުގެ ޚާރިޖީވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވަނީ ޑިމާންޑްތަކުގެ ލިސްޓަކީ އަސްލެއް ނެތް އަދި އަމަލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ޝެއިޚް މުހައްމަދު ބުދަ ދުވަހު ވަނީ މައްސަލަ ހައްލުކުރުމަށް މަޝްވަރާއަށް ގޮވާލައްވާފައެވެ.