ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 19:47
އިންޑިއާއިން ކޮވިޑް ޓެސްޓްކުރުން އިތުރުކުރުމަށް ގޮވާލައިފި
އިންޑިއާއިން ކޮވިޑް ޓެސްޓްކުރުން އިތުރުކުރުމަށް ގޮވާލައިފި
އަލްއަރަބިއްޔާ
އިންޑިއާގައި ކޮވިޑް ކެސްތައް އިތުރުވުން
އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެ، ޓެސްޓުކުރުން އިތުރުކުރަން ގޮވާލައިފި
 
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ވަނީ ކޮވިޑް-19އަށް އަލަށް 6،050 މީހުން ޕޮޒިޓިވްވެފައި
 
ހެލްތު މިނިސްޓަރު މަންސުކް މަންޑާވިޔާ ވަނީ، ޖީނޯމް ޓެސްޓިންގ އިތުރުކޮށް ހޮސްޕިޓަލްތަކުގައި މޮކް ޑްރިލްތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައި
 
ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދާއި، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ބުނޭ

އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު، ސްޓޭޓްތަކުގައި ބައްޔަށް ޓެސްޓުކުރާ މިންވަރު އިތުރުކުރަން އެގައުމުގެ މައި ސަރުކާރުން، ސްޓޭޓްތަކަށް ގޮވާލައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު އާންމުކޮށްފައިވާ ނަންބަރުތައް ދައްކާގޮތުން، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ވަނީ ކޮވިޑް-19އަށް އަލަށް 6،050 މީހުން ޕޮޒިޓިވްވެފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު އެގައުމުން 24 ގަޑިއިރުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ކޭސް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ސްޓޭޓްތައް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދިޔުމަށް ތައްޔާރުވެފައިވާ މިންވަރު މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމެއްގައި އެގައުމުގެ ހެލްތު މިނިސްޓަރު މަންސުކް މަންޑާވިޔާ ވަނީ، ޖީނޯމް ޓެސްޓިންގ އިތުރުކޮށް، ހޮސްޕިޓަލްތަކުގައި މޮކް ޑްރިލްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

މާޗު މަސް ނިމުނުއިރު، އިންޑިއާއިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2،000 ކޭސް ދިޔައީ ރިޕޯޓުކުރެވެމުންނެވެ.

ފެބްރުއަރީ މަހާ އަޅައިބަލާއިރު މާޗް މަހު ރިޕޯޓުކުރެވޭ ކޭސްތަކުގެ އަދަދު އިތުރުވެފައި ވީނަމަވެސް، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދާއި، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާގައި މިވަގުތު ބަލީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު 28،300އަށްވުރެ މައްޗަށް އަރާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 14 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގައުމުން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 44.7 މިލިއަނަށް އަރާފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 530،943ށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް