ކެރަމް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ހަތް ވަނަ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހީމް ހުޖާން އަލީ ހޯދިއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އާމިނަތު ވިދާދު ހޯދައިފި އެވެ.
ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ހުޖާން ހޯދީ ފައިނަލްގައި އިސްމާއީލް އަޒްމީންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ހުޖާން ކާމިޔާބު ކުރީ 19-15 އިންނެވެ. ނަމަވެސް އަޒްމީން ވަނީ ދެ ވަނަ ސެޓު 12-10 އިން ކާމިޔާބުކޮށްފަ އެވެ. ތިން ވަނަ ސެޓުގައި 14-12 އިން އަޒްމީންގެ މައްޗަށް ކުރި ހޯދައި ހުޖާން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ފައިނަލްގައި ހުޖާންއާ ވާދަކޮށް ބަލިވި އަޒްމީން އަކީ އެންމެ ފަހުން ބޭއްވި ޤައުމީ ކެރަމް މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ކެރަމް ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. ފިރިހެން ޑިވިޝަންގެ ތިން ވަނަ ހޯދީ އަލީ އާޒިމް އެވެ. އެއީ ފައިނަލްގައި ޔަމާން އަބްދުއް ޖަލީލްގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ސެޓު އާޒިމް ކާމިޔާބު ކުރީ 25-6 އިންނެވެ. ދެ ވަނަ ސެޓު 23-24 އިން ޔަމާން ކާމިޔާބުކުރިއިރު، ތިން ވަނަ ސެޓު އާޒިމް ކާމިޔާބު ކުރީ 23-15 އިންނެވެ.
މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ވާދަކޮށްފައި ވަނީ ވިދާދު އާއި ފާތިމަތު ރަޔާނާ އެވެ. ރަޔާނާގެ މައްޗަށް ވިދާދު ކުރި ހޯދީ ދެ ސެޓު އެއް ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ވިދާދު ކާމިޔާބު ކުރީ 25-10 އިންނެވެ. ނަމަވެސް ދެ ވަނަ ސެޓު 13-22 އިން ކާމިޔާބުކުރީ ރަޔާނާ އެވެ. ތިން ވަނަ ސެޓުގައި 25-0 އިން ރަޔާނާގެ މައްޗަށް ކުރި ހޯދައިގެން ޗެމްޕިއަންކަން ހޯދީ ވިދާދު އެވެ. ވިދާދު އަކީ އެންމެ ފަހުގެ ޤައުމީ ޗެމްޕިއަން އެވެ. އޭނާ ވަނީ ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ޤައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކެރަމް ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. މި ޑިވިޝަންގެ ތިން ވަނަ ހޯދީ އައިޝަތު ނަހުފާ ބަލިކޮށް އާމިނަތު ޝުބާ އާދަމް އެވެ. އެއީ ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު ނަހުފާ ކާމިޔާބު ކުރީ 14-10 އިންނެވެ. ނަމަވެސް ސުބާ ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ދެ ވަނަ ސެޓު 4-25 އަދި ތިން ވަނަ ސެޓު 21-25 އިންނެވެ.