ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 13:22
ކާބޯތަކެތި
ކާބޯތަކެތި
ސިއްހަތާމެދު ހޭލުންތެރިވުން
އާންމުން ސިއްހަތާމެދު ހޭލުންތެރިވަނީ ކިހާ މިންވަރަކަށް؟
ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން އެކަކު ކެއުމުގައި އިތުރަށް ލޮނު އަޅާ

ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް 7 ވަނަ ދުވަހު ދުނިޔޭގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރެއެވެ. މިއަހަރު ވެސް ދުނިޔޭގެ ސިއްހަތު ދުވަސް އެކި ޤައުމުތަކުގައި ފާހަގަކުރަމުންދެއެވެ. މި އަހަރަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ "ހެލްތް ފޮރ އޯލް" ނުވަތަ އެންމެންނަށް ސިއްހަތު މި ޝިއާރެވެ. ރާއްޖޭގައި ވެސް މި ދުވަހާއި ގުޅިގެން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ޚިޠާބެއް ދެއްވާފައެވެ. ރާއްޖޭގައި ވެސް މި ދުވަސް އެކި ފެންވަރުގައި ފާހަގަކުރަމުންދެއެވެ.

މި ދުވަސް ފާހަގަކުރަމުންދާއިރު ކަންބޮޑުވާންޖެހޭ ކަމެއް އެބައޮތެވެ. އެއީ މީގެ ފަސް މަސް ކުރިން ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރައްޔިތުން ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި 2020-2021 ގައި ކުރެވުނު ސަރވޭއިން ދެއްކި ނަތީޖާތަކެވެ. "ޑަބްލިއު އެޗް އޯ ސްޓެޕްސް ސާރވޭ އޮން ރިސްކް ފެކްޓާރސް ފޯރ ނޮންކޮމިއުކަބަލް ޑިޒީސަސް" މި ސަރވޭއިން ދެއްކި ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ޙިއްޞާ ކުރާ ބަލިތަކަކީ ޞިއްޙަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މީގެތެރޭގައި ހިމެނޭ މައިގަނޑު ބަލިތަކަކީ، ކެންސަރު، ހިތުގެބަލި، ސްޓްރޯކް، ފުއްޕާމޭގެ ދާއިމީ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި އަދި ނަފްސާނީ ބަލިތަކެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިއްމު ހިރާސްތައް ނުވަތަ ރިސްކު ފެކްޓާރސްތަކަކީ ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރުމާއި ވައިގެ ނުސާފުކަމާ އަދި މިނޫން ވެސް ޞިއްޙަތާ ބީރައްޓެހި އެހެން އާދަތަކެވެ.

މި ސަރވޭ އިން ދައްކާގޮތުން ގައިންގަޔަށް ނާރާ ބަލިތަކަކީ، އެކެއްގެ ފަރާތުން އަނެކަކަށް ވާޞިލުނުވާ އަދި ދިރިއުޅުމުގެ މާޙާއުލާ އާދަތަކާ ގުޅިފައިވާ ބަލިތަކެވެ. މިފަދަ ބަލިތަކަކީ، ދުރާލާ ވިސްނައިގެން އުޅެފިނަމަ އެއިން ރައްކާތެރިވެވިދާނެ ބަލިތަކެވެ. އަދި ބަލިތަކަށް ހުށަހެޅޭ ހިރާސްތަކަކީ ވެސް، ސަރުކާރުގެ ސިޔާސަތާއި، އަމިއްލަ އަދި ޖަމާޢަތުގެ ފެނަވަރުގައި ކުރެވޭ މަސައްކަތުން ބަދަލު ކުރެވިދާނެ ކަންކަމެވެ.

ސަރވޭގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 25.7 އިންސައްތަ (ކޮންމެ 4 މީހަކުން 1) ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 7.6 އިންސައްތަ މީހުންނަކީ އަންހެނުން އަދި 35.6 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. ސާރވޭ އިން ލިބުނު މަޢުލޫމާތަށް ބަލާއިރު، ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ އެންމެ ހަގު އުމުރަކީ 8 އަހަރެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހަކުން 2 މީހުން، ލޮނު ހިމެނޭ ސޯސް، ކެއުމުގައި ބޭނުން ކުރެއެވެ. އަދި ކޮންމެ 5 މީހަކުން އެކަކު (%20 މީހުން)، ކެއުމުގައި އިތުރަށް ލޮނު އަޅައެވެ. ރާއްޖޭގެ އާބާދީގެ %54 މީހުން، ލޮނު ގިނައިން ހުންނަ ޕްރޮސެސްޑް ކާނާ ކައެވެ.

ދުވާލަކު 3-2 ސާރވިން މޭވާ ކާން ޖެހޭއިރު ރާއްޖޭގެ އާބާދީގެ ކޮންމެ 10 މީހަކުން 6 މީހަކު ކަނީ މޭވާގެ އެންމެ ސާރވިންއެކެވެ. ދުވާލަކު ކެއުމުގައި 5-2 ސާރވިން ތަރުކާރީ ކާން ޖެހޭއިރު %85.2 މީހުން ކަނީ އެންމެ ސާރވިންއެކެވެ. ރާއްޖޭގެ އާބާދީގެ %65 މީހުން ކަސްރަތު ލިބޭ (މެދުމިނުގެ ކަސްރަތު) ކޮންމެ ވެސް ޙަރަކާތެއްގައި ބައިވެރިވެއެވެ. ގާތްގަނޑަކަށް %70 މީހުން، (އެއްގަމުގައި) އެއްތަނުން އަނެއްތަނަށް ދަނީ ދުއްވާ އެއްޗެއްގައެވެ. އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންނަކީ (%52.1) ޞިއްޙީގޮތުން ބަލާއިރު، އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރު ނުވަތަ ފަލަ މީހުންނެވެ. މީގެ ތެރެއިން %46.3 މީހުންނަކީ ފިރިހެނުންނެވެ. %58.8 އަކީ އަންހެނުންނެވެ. ފިރިހެނުންގެ %10 އަދި އަނހެނުންގެ %20 މީހުންނަކީ ޞިއްޙީ މިންގަނޑުން ބަލާއިރު އާދަޔާ ޚިލާފަށް ބަރު ނުވަތަ ފަލަ މީހުންނެވެ.

މި ސަރވޭގެ ނަތިޖާއަށް ބަލާލުމުން ވެސް އަޅުގަނޑުމެން ވިސްނަންވީ ވަރަށް ގިނަކަންތައްތައް އެބަހުއްޓެވެ. އެއީ ސިއްހަތަށް ރަނގަޅު ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރުމެވެ. އަދި އެންމެހާ ނުބައި އާދަތަކުން ވެސް މީހާ ދުރުވާންޖެހެއެވެ. އެމީހެއްގެ އަމިއްލަ ހަށިގަނޑު ދެކެ ލޯބިވެ، ސިއްހަތަށް ބެލުމަކީ ވެސް މުހިންމުކަމަކަށް ހަދަމާތޯއެވެ.

- ކޮމެންޓް