ހަދިޔާއެއްގެ ގޮތުގައި ސަލްމާން ޚާން އަށް ޝާހު ރުކް ޚާން ކާރެއް ދީފިއެވެ.
ޝާހު ރުކް ޚާނާއި ސަލްމާން ޚާނަކީ ކުރިން ވަރަށް ގާތް ދެ މީހުން ކަމަށް ވިއަސް ވާހަކަ ނުދައްކާ ތިބުމަށް ފަހު މިއަހަރު ތެރޭގައި އަލުން ވާހަކަ ދައްކަން ފަށާފައި ވަނީ ފިލްމު "ޓިއުބްލައިޓް" ގެ މެހެމާނެއްގެ ރޯލް ކުޅުމަށް ޝާހުގެ ކިބައިން ސަލްމާން އެދުނު ހިސާބުންނެވެ. އަދި އެގޮތަށް ޝާހު ރުކް ޚާން ވެސް ވަނީ ސަލްމާން ޚާންގެ ކިބައިން އޭނާ މިހާރު ކުޅެމުންއަންނަ އާނަންދް އެލް ރާއީގެ ފިލްމަށް ވެސް މެހެމާނެއްގެ ރޯލު ކުޅުމަށް އެދިފައެވެ. ޝާހު ރުކް ބުނެފައި ވަނީ އޭނާ ސަލްމާންއަށް ކުރީ އެންމެ ފޯނު ކޯލެއް ކަމަށާއި ވަގުތުން އޭނާ އާއެކޭ ބުނިކަމަށެވެ.
ސަލްމާންގެ ބިޒީ ޝެޑިއުލްއިން އާއެކޭ ބުނުމުން އެ ބަލައިގަންނަ ކަމަށް ޝާހު މީގެ ކުރިން ވަނީ މީޑިއާތަކަށް ބުނެފައެވެ. ސަލްމާން ވަނީ އެ ފިލްމުގައި އޭނާ ކުޅެންޖެހޭ ރޯލު މިހާރު ކުޅެ ނިންމާފައެވެ.
ސަލްމާންގެ ހެޔޮކަމުގެ ބަދަލެއްގެ ގޮތުގައި ޝާހުވަނީ ސްވެންކީ ބްރޭންޑުގެ އަގުބޮޑު ކާރެއް ސަލްމާނަށް ހަދިޔާ ކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ޚާން އެ ފިލްމުގެ ޝޫޓިން ސެޓަށް ދިޔުމުން ޝާހު ރުކް ޚާން ވަނީ އެކާރު ސަލްމާނަށްހަދިޔާ ކޮށްގެން ސަޕްރައިޒެއް ދީފައެވެ. މި ކާރަކީ އަލަށް ބާޒާރަށް ނެރެފައިވާ ކާރެކެވެ.
ސަލްމާން ޚާން އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ޓައިގާ ޒިންދަގީ ހޭ" ގެ ޝޫޓިން ފެށުމަށް މޮރޮކޯއަށް ދިއުމަށް ވަރަށް އަވަހަށް ފުރާނެއެވެ. އަލީ އައްބާސް ޒަފަރު ޑައިރެކްޓު ކުރާ މިފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުގައެވެ. މި ފިލްމުގައި ސަލްމާނާ އެކު ލީޑްރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފެވެ.
ޝާހު ރުކް ޚާން މިހާރު ދަނީ އަނަންދު އެލް ރާއީގެ ފިލްމުގެ ޝޫޓިން ނިންމައި އިމްތިޔާޒު އަލީގެ ފިލްމު "ޖަބް ހެރީ މެޓް ސެޖަލް" ގެ ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"ޖަބް ހެރީ މެޓް ސެޖަލް" ސިނަމާތަކަށް އަންނާނީ މިއަހަރުގެ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.