މި ހިނގާ 2023 ވަނަ އަހަރުތެރޭގައި ރާއްޖެއިން ރުބެއްލާ ފޮހެލަން މަސައްކަތްކުރުމަށް އަމާޒު ހިފައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ދެއްވި ޚިޠާބުގައެވެ.
މި ދުވަހަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވަނީ "ހެލްތް ފޮރ އޯލް" ނުވަތަ އެންމެންނަށް ސިއްހަތު މި ޝިއާރެވެ. މިނިސްޓަރުގެ ޚިޠާބުގައި ވިދާޅުވީ މި ޝިއާރާ ގުޅޭ ސިޔާސަތު މިވަގުތު އެންމެ ބާރަށް ތަންފީޒުކުރާ އެއް ގައުމަށް ރާއްޖެ ވާނެ ކަމަށެވެ. ސަރަހައްދުތަކަކަށް ބަހާލައިގެން ޓަރޝަރީ އަމާޒުގައި "ހެލްތް ފޮރ އޯލް" ޓަރގެޓުގައި ރާއްޖެއިން ދަނީ ކުރިއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި 75 އަހަރަކީ ބޮޑެތި ބަލިތަކާއި، ތަކުލީފުތަކަށް ނިމުން ގެނުވި 75 އަހަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކަށިވިދުރިއާ، ލެޕްރަސީއާ ފައިލޭރިއާ އާއި މެލޭރިއާ ފަދަ ބަލިތަކަކީ އިންސާނިއްޔަތުގެ ބޮޑު ބިރުކަމަށާއި، އެހާލަތުން މިހާރު އަރައިގަނެވިފައިވުމަކީ ފާއިތުވި 75 އަހަރުގެ ކާމިޔާބީކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސިއްހީ ގޮތުން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ހޯދި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ކަމާ ގުޅޭ އދ. ގެ ހުރިހާ ޖަމިއްޔާތަކާއެކު މަސައްކަތްކޮށްފައިވާކަމަށާއި، އަދި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ކަންކަމުގައި ޝާމިލުވެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތަކުގެ ކާމިޔާބީ މިއަދު ފެންނަމުންދާކަމަށެވެ. ބޮޑެތި ބައެއް ބަލިތަށް ނައްތާލެވި، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާކަމަށާއި، މެލޭރިއާ އާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާ ފަދަ ބަލިތަކަށް ވެކްސިންގެ ކަވަރޭޖް ހޯދައިދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އަދިވެސް ހައްލު ހޯދަންޖެހޭ ކަންކަން އެބަހުރި ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. މިގޮތުން މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން މަސައްކަތްކުރުމާއި، 2025 ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލުމާއި، ލެޕްރަސީ ވެސް މުޅިން ފޮހެލަންޖެހޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއިން ކުރި މަސައްކަތްތަކާ ހޯދި ކާމިޔާބީތަކަށް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ.
ކޮވިޑް-19 އަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގެ ކޮލިޓީ ރާއްޖެއަށާ މުޅި ދުނިޔެއަށް ފެނުނު ކަންތައް. ހެލްތް މިނިސްޓަރުގެ ޙައިޘިއްޔަތުން އެމަނިކުފާނަށް ހައްގު ތައުރީފާ ސާބަހާ ޝުކުރު ދަންނަވަން.ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
މީގެ އިތުރުން ޕްރައިމަރީ ހެލްތްކެއަރ ނިޒާމަށް ހިޖުރަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ލިބޭ ނަތީޖާ ބަދަލުވާ ކަމެއް ކަމަށާއި، ކުރިން އޮތް ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާރގެ ނިޒާމް ބަލިކަށިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ދިގު މުއްދަތުގެ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކާ އާދަތައް ބަހައްޓަންވާ ގޮތާމެދު ސަމާލުވާން ޖެހޭ ކަމަށެވެ. ކިއުރޭޓިވްކެއާރ އަށްވުރެ ޕްރެވެންޓިވް ކެއާރ އަށް ބަރޯސާ ވާން އެބަޖެހޭކަމަށް ވިދާޅުވިއެވެ.