ކަނޑުގެ މުއްސަނދި ދިރުންތަކުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އެއް ދިރޭ އެއްޗަކީ ވެލައެވެ. ދުނިޔޭގެ ކަނޑުތަކުގައި، މައިގަނޑު 7 ވައްތަރެއްގެ ވެލާ ދިރިއުޅެމުންދާއިރު، މި ވެލާތަކަކީ ގިނަ ގައުމުތަކެއްގައި ހިމާޔަތް ކުރެވިފައިވާ ދިރޭތަކެތީގެ ލިސްޓުން ޖާގަ ހޯދާފައިވާ އެއްޗެހިތަކެކެވެ. ވެލާގެ އާބާދީން ނެތި ދިއުމުގެ ބިރާ ކުރިމަތިވެފައިވާ އެއް ބާވަތަކީ ލޮގަރހެޑް ސީ ޓަރޓަލް, ނުވަތަ ދިވެހިން ކިޔައި އުޅޭ ގޮތުން ނަމަ ބޯބޮޑު ވެލައެވެ. ބޯބޮޑު ވެލައާ ބެހޭ ގޮތުން މިފަހަރު ދައްކަން މިއުޅޭނީ ތަފާތު ވާހަކައެކެވެ.
މެޑިޓަރޭނިއަން ކަނޑުގެ ހުޅަނގު އައްސޭރި ފަށުގެ ސަރަހައްދަށް އަރައި، ވަޅުކޮނެ ބިސްއަޅާ ބޯބޮޑު ވެލާގެ އަދަދު އިތުރުވަމުންދާ ދިއުމަށް ސައެންސްވެރިންގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ބައެއް ސައެންސްވެރިން ގަބޫލުކުރާގޮތުގައި، މިކަން މިހެން ހިނގަން ފަށާފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން، ބޯބޮޑު ވެލާތައް ވަޒަންވެރިވެ އުޅޭ ސަރަހައްދު، އިތުރަށް ފުޅާކުރަމުންދާކަމަށް ބައެއް ސައެންސްވެރިން ގަބޫލުކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ވެލާގެ އާބާދީއަށް ބަލާއިރު؛ ތޮށި ބޯ ވެލާތަކުގެ ތެރެއިން އެންމެ ބޮޑެތި ވެލާތަކުގެގޮތުގައި ސިފަކުރާ ބޯބޮޑު ވެލާތަކަށް މިވަގުތު ލިބެމުންދާ އެންމެ ބޮޑު އެއް ފައިދާއަކީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމެވެ. އަދި ސްޕެއިނާއި ކޭޕް ވެރްދޭ ފަދަ ގައުމުތަކުން ހިންގާ، ވެލާ ހިމާޔަތް ކުރުމުގެ މަޝްރޫއުތަކެވެ.
1990ން ފެށިގެން 2012 ވަނަ އަހަރާ ދެމެދު ހޭދަވީ މުއްދަތަށްވުރެ، މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުތަކުގެ ގޮނޑުދޮށްތަކަށް ވެލާ ބިސް އެޅި މިންވަރު އެތައް ގުނައެއް އިތުރުވެފައިވާކަން، ފަރަންސޭސިވިލާތް، އިޓަލީވިލާތް، ސްޕެއިން އަދި ތޫނިސްގެ މެރިން ބަޔޮލޮޖިސްޓުން ފާހަގަކުރެއެވެ. 1990ން ފެށިގެން 2012 ވަނަ އަހަރާ ދެމެދު ހޭދަވީ މުއްދަތުގައި، އަހަރެއްގެ މައްޗަށް އެ ގޮނޑުތަކަށް ވެލާ ބިސް އަޅާފައިވަނީ އެވްރެޖުކޮށް 3 ފަހަރަށްވުރެވެސް މަދުންނެވެ.
ގްލޯބަލް އިކޮލޮޖީ އެންޑް ކޮންޒަރވޭޝަނުން މިދިޔަ ހޫނު މޫސުމުގައި އާންމުކޮށްފައިވާ ކަރުދާހެއްގައި ވާގޮތުން، 2020 ވަނަ އަހަރު 84 ވެލާ ބިސްވަޅު ވަނީ ފެނިފައެވެ.
ބޯބޮޑު ވެލާ ވަޒަންވެރިވެ އުޅެނީ ދުނިޔޭގެ ކަނޑުތަކުގެ ހޫނު ހިސާބުތަކުގައެވެ. އެފަދަ އެއް ސަރަހައްދަކީ މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދެވެ. ނަމަވެސް މާޒީއަށް ބަލާއިރު؛ ފްލޮރިޑާ، ކޭޕް ވެރްދޭ، އޮމާން، މޮޒަންބީކް އަދި ވެސްޓަރން އޮސްޓްރޭލިއާގެ ބައެއް ހިސާބުތަކުންވެސް ބޯބޮޑު ވެލާގެ އާބާދީ ފެނިފައިވެއެވެ.
ވެލައަކީ ބިސް އެޅުމަށްޓަކައި، އޭގެ އުފަން ފަސްގަނޑަށް އަރާ އެއްޗެކެވެ.
އަޅުގަނޑުމެން ގަބޫލުކުރާގޮތުގަ ސްޕެއިން، ފްރާންސް އަދި އިޓަލީގެ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިން ފާހަގަވާ މި ޓްރެންޑަކީ، ވެލާ އާބާދުވުމުގެ އާ މަރުހަލާއަކަށް ވެދާނެ. ވެލާތަކަށް ދެން ވާނީ ކިހިނެއް؟ އެއީ ދިގު މުއްދަތަކަށް ދިރިއުޅޭ ޖަނަވާރުތަކެއް. 80 އަހަރާ 100 އަހަރާ ދެމެދުގެ މުއްދަތަކަށް އުޅޭ ޖަނަވާރުތަކެއް. އެ ޖަނަވާރުތަކުގެ ދިރާސާއަށް އެތައް އަހަރެއް ބޭނުންވޭ. އަޅުގަނޑުމެންނަށް މި ފެންނަނީ ކުޑަކުޑަ މިންވަރެއް. އެސޮރުމެން ދެނެގަންނަން އިތުރު ވަގުތު ބޭނުންވޭ. މި ޓްރެންޑް ބަޔާންކޮށްދޭ މައިގަނޑު އެއް ކަމަކީ، ދުނިޔެ ހޫނުވުން، މޫސުމަށް އަންނަ ބަދަލުތައް ކަމަށް ވެދާނެ. ފަހަރެއްގަ ވެދާނެ، ކުރިން ވެލާ ބިސްއަޅަން އެކަށީގެންވާވަރަށް ހޫނު ނުފޯރާ ސަރަހައްދުތައް، އެ މިންވަރަށް ހޫނުވަމުންދަނީ ކަމަށްވެސް.އޭނާ ލީރިއާ؛ އޭޑީއެސް ބަޔޯޑައިވަރސިޓީ އެންޖީއޯގެ ރައީސް
ވެލެންސިއާގައި މަރުކަޒުކޮށްގެން ހިންގާ ތިމާވެށީގެ ފައުންޑޭޝަނެއް ކަމަށްވާ ސިއާމްއިން 2020 ވަނަ އަހަރު އާންމު ކޮށްފައިވާ ދިރާސާއެއް ބުނާގޮތުގައި، 1982 ވަނަ އަހަރާ 2019 ވަނަ އަހަރާ ދެމެދު ހޭދަވީ މުއްދަތުގެ ތެރޭގައި، މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ވަނީ 1.3 ޑިގްރީ ސެލްސިއަސް އުފުލިފައެވެ.
ދުނިޔެ ހޫނުވުމަކީ ގުދުރަތީ ދިރުންތަކަށް އާންމު ގޮތެއްގައި ގެއްލުން ދެނިވި ނޭދެވޭ މޫސުމީ ބަދަލެއްގެ ގޮތުގައި ސިފަކުރަމުން ދިޔަކަމުގައި ވީނަމަވެސް، ވެލާތަކުގެ އާބާދީއަށް، މިކަމަކީ ނަސީބެއް ކަމުގައިވެސް ދެންނެވިދާނެއެވެ. ނަމަވެސް، ވެލާގެ އެވްރެޖު އުމުރަކީ 100 އަހަރު ކަމަށް ވާއިރު، އެ އުމުރާ ޖެހެންދެން ވެލާތަކަށް ދިރިއުޅެވޭނެ ގޮތް ވާން އޮތީ އިންސާނީ އާދަކާދައަށްވެސް ބަދަލުތަކެއް ގެނެސްގެންކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.
ވެލާގެ އާބާދީ އިތުރުވުމުގައި، އެ ގައުމުތަކުން ހިންގާ ވެލާ ހިމާޔަތްކުރުމާއި އާބާދުކުރުމުގެ މަޝްރޫއުތަކުގެ ފައިދާ ބޮޑެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވެލައަކީ މިހާރު ބައެއް ސަރަހައްދުތަކުގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ލިސްޓުންވެސް އުނިކޮށްފައިވާ އެއްޗަކަށް ވަނީ ވެފައެވެ.
އާންމު ގޮތެއްގައި ބޯބޮޑު ވެލައެއް 90 ސެންޓިމީޓަރަށް ދިގުވެއެވެ. އަދި ބަރުދަނުގައި 150ށް ކިލޯގްރާމް ހުރެއެވެ. ބޯބޮޑު ވެލާގެ ސައިޒާއި އޭގައިވާ ހަރު ތޮށިގަނޑުގެ ސަބަބުން އެކި ކަހަލަ ޝިކާރަތަކުގެ ހަމަލާތަކުން ގިނަ ފަހަރަށް ސަލާމަތް ހޯދައެވެ. ނަމަވެސް، ކަނޑުތައް ބޭނުންކުރާ އިންސާނުންގެ ސަބަބުން އެ ވެލާތަކަށް ކުރިމަތިވާ ނުރައްކާތައް އިންތިހާއެވެ. މި ދަންނަވަނީ، މަސްބާނަން ބޭނުންކުރާ ދާގަނޑުތަކާއި ޕްލާސްޓިކާއި އެނޫންވެސް ނުރައްކާ މާއްދާތަކުން ކަނޑުތައް ތަޣައްޔަރު ކުރަމުންދާ ވާހަކައެވެ.