މާލޭގައި ގާއިމް ކުރާ ގްރޭޓަރ މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖު ކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައުނާ މިފަދައިން ވިދާޅުވީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ މަސައްކަތް ކުރިއަށްދާގޮތް މީޑިއާތަކަށް ދައްކާލުމަށްފަހު ދެއްވިއިންޓަވިއުއެއްގައެވެ. ޝައުނާ ވިދާޅުވީ މާލެއަކީ ރާއްޖޭގައި ވެސް އެންމެ ގިނައިން ކުނި އުފައްދާ އެއް ސަރަހައްދު ކަމަށާއި އެހެންކަމުން އިންތިޒާމު ކުރެވިގެން ކުނި މެނޭޖު ކުރުމުގެ ވަސީލަތްތައް ހުރުމަކީ މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އެގޮތުން، މިހާރު ތިިލަފުށީގައި ކުރިއަށްގެންދާ ފެސިލިޓީ އެއްކޮށްނިމި ވަސީލަތްތައް ގާއިމް ކުރެވުމުން އެކަމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ބޭނުން ކުރާނެ ގޮތް ހާމަކުރައްވައި ޝައުނާ ވިދާޅުވީ މާލެ ގޭބިސީތަކުން ކުނި ނަގައިގެން އުޅަނދުތަކުގައި ކުނި ގެންދިއުމުން އެތަކެތި ކިރާލެވޭނެ ކަމަށެވެ. އަދި ބޭރު ފަރާތްތަކުން ވެސް ގެންދާ ކުނި ކިރާލެވޭނެ ކަމަށާއި ޚިދުމަތް ދޭން ފެށުމުން ކުނީގެ ބަރުދަނަށް ބަލައި ފީއެއް ނެގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވި ގޮތުގައި ތިލަފުށީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައި ވެސް ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ގާއިމް ކުރާނެއެވެ. މީގެ ސަބަބުން މުޅި ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މައްސަލައެއް ހައްލެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ މި ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު ވެމްކޯގެ ފްލީޓު އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން، މި ޕްރޮޖެކްޓުގެ ދަށުން އިތުރު 14 ވެހިކަލް ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަން މިހާރަށްވުރެ ރަނގަޅު ކުރުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެން ކުނި ސެގްރިގޭޓް ކުރި ނަމަވެސް އާއްމުނަށް އެބައި ނުފެންނަ އެންމެ ބޮޑު ސަބަބަކަށް ވެފައި މިވަނީ އަޅުގަނޑުމެން ސޭމް ވެހިކަލްގައި އުފުލާތީ. އޭރުން އަޅުގަނޑުމެންނަށް އޮންނާނެ ޑްރައިވޭސްޓް ވަކި ކުރެވިފައި، ވެހިކަލްތަކުގެ ބޭރުން ވެސް އައިޑެންޓިފައި ކުރެވޭނެ ނިޒާމެއް ހަމަޖެހިގެން ދާނެ.ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖު
މާލޭގައި ގާއިމް ކުރާ މި ވޭސްޓް ޓްރާސްފާ ސްޓޭޝަނުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން، އަންނަ ޖުލައި މަހު އެތަން ބޭނުން ކުރަން ފެށޭނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިއީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން (ސީއެސްސީއީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އޭޑީބީގެ އެހީއާއި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 184 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.