ރައްޔިތުންގެ މަޖިލީހުގެ އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތަކުން ހުށައަޅާފައިވާ ދަނޑިވަޅެއްގައި ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ލަންކާއަށް ވަޑައިގެންފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ލަންކާއަށް ވަޑައިގެންފައި ވަނީ ބުދަ ދުވަހުގެ ރޭގައެވެ. ލަންކާ އެއާޕޯޓް ތެރޭގައި އެބޭފުޅުން ތިއްބަވަނިކޮށް ނަގާފައިވާ ބައެއް ފޯޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުނެވެ.
ޕީޕީއެމްގެ އިސްވެރިން ލަންކާއަށް ވަޑައިގެންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިހާރު ވެސް ތިއްބެވީލަންކާގައެވެ. ހާއްސަކޮށް މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމަށް ހުށައެޅި މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަނަންވައެވެ. މީގެ ތެރެއިން ބައެއް މެންބަރުންނާ ޕީޕީއެމްގެ ލީޑާޝިޕަށް ނުގުޅިގެން އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީޕީއެމްގެ އިސްވެރިން ލަންކާއަށް ވަޑައިގެންފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށެވެ. ބުދަ ދުވަހުގެ ވަގުތެއްގައި އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ލަންކާގައި ބަދައްލުކުރައްވާފައެވެ. ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ހެނދުނުގައެވެ.