ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި ފްރެއިބާގް އަތް ދަށުވެ ފަހު ވަގުތު ބަޔާން މިއުނިކް މުބާރާތުން ކަޓައިފި އެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓިމު ބަލިވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބަޔާނުންނެވެ. މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ޔޯސުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާނަށް ލީޑު ނަގައިދިނީ އުޕަމެކާނޯ އެވެ. ނަމަވެސް ބަޔާނަށް އެ ލީޑުގައި ހިފަހައްޓާލެވުނީ ހަތް މިނެޓެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ފްރެއިބާގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ނިކޮލަސް ހޮފްލާ އެވެ. އޭގެ ފަހުން ވެސް ބަޔާނުން ވަނީ ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ބަޔާނުން ލީޑު ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ފަސް ވަނަ މިނެޓުގައި ފްރެއިބާގަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެޗުން ފްރެއިބާގް މޮޅުކޮށްދިނީ ވެސް ހޮފްލާ އެވެ.
މިއީ ބަޔާންގެ ކޯޗުކަމާ ދާދި ފަހުން ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް އެ ޓީމުން ވަނީ އަލުން ޖަރުމަނު ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ނަމަވެސް ފްރެއިބާގް އަތް ދަށުގެ ޖަރުމަނު ކަޕުން ކެޓުމާއެކު އެ ޓީމުން ހާސިލް ކުރަން ބޭނުންވާ އެއް ތަށި ގެއްލުނީ އެވެ. ބަޔާނަށް ދެން އޮންނާނީ ޖަރުމަނު ލީގުގައި މި މަހުގެ އަށް ވަނަ ދުވަހު ފްރެއިބާގާ ދެކޮޅަށް ކުޅޭ މެޗެވެ.