ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 06:54
ޑރ. އާސިމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ޑރ. އާސިމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
ރިޔާސީ އިންތިޚާބު 2023
ޑރ. އާސިމްގެ ތާއީދު ވެސް ރައީސް ޞާލިހަށް
ޑރ. އާސިމް އަކީ ޖޭޕީގެ މެންބަރެއް
ޖޭޕީގެ ގިނަ މެންބަރުންތަކެއް ގެންދަވަނީ ރައީސަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން

ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޖެނީވާގައި ހުންނަ އދ. އޮފީހަށް ކަނޑައަޅާފައިވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ޑރ. އާސިމް އެކަން ހާމަކުރައްވައި އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހުއަށް ތާއީދު ކުރައްވަން ނިންމެވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީ އާއި ކުރިއެރުމާއި އިޖުތިމާއީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުއަށް ތާއީދު ކުރެއްވުމަށް ޑރ. އާސިމް ނިންމަވާފައިވާއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް މިއަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައެވެ. އާސިމް، ގާސިމަށް ތާއީދުނުކުރައްވާ ރައީސް ސާލިޙަށް ތާއީދު ކުރައްވަން ނިންމެވި ނަމަވެސް ޖޭޕީ ދޫކޮށްލެއްވުމާ ގުޅޭގޮތުން އެއްޗެއް ވިދާޅެއްނުވެއެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޑރ އާސިމް އަކީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، އެޑިއުކޭޝަން މިނިސްޓަަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ކޯލިޝަން ދޫކޮށް އަމިއްލައަށް ވާދަކުރަން ނިންމުމުން އެ ޕާޓީގެ އިސް ބޭފުޅުންތައް އަންނަނީ އެ ޕާޓީ ދޫކޮށް ރައީސަށް ތާއީދު ކުރަމުންނެވެ. މީގެ ތެރޭގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު އާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)ގެ އިތުރުން، މިނިސްޓްރީތަކުގެ ބައެއް ބޭފުޅުންވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ތާއީދު ކުރައްވަނީ ރައީސް ޞާލިހަށް ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް