ރައީސް ޔާމިންއަށް ދެން ސަލާމަތްވެވެން އޮތީ ރައްޔިތުން ބުނާގޮތަށް ހަދައިގެންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ސިޔާސީ ޕާޓިތަކުން މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމިންއަށް އޮތް ހައްލަކީ އަމިއްލަފުޅަށް އިސްތިއުފާދެއްވާފައި ވަޑައިގެންނެވުން ކަމަށާއި ބަސްނާހާނަމަ އެމަނިކުފާނު އަޒުލުކުރައްވާނެ ކަމަށެވެ.
ރައްޔިތުންނަށްޓަކައި އެރައްޔިތުންގެ މަންދޫބުން އެބަތިބި ކަމުގެ ޔަޤީންކަންދެއްވާ ކަމަށާއި ރައީސް ޔާމިންގެ ކިބައިގައި ހުރި ނޭއްގާނީކަން ފެނި ހާމަވާއިރު ސިޔާސީ ލީޑަރުންގެ ލޯބި ހޯދާން ރައީސް ޔާމިން ދަސްކުރަންޖެހޭކަމަށް ނިޒާރު ވިދާޅުވިއެވެ.
މިހާރު ފެނިގެން މިދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ކޮންޓްރޯލުން ކަންކަން ނެއްޓި، ސިޔާސީ ގޮތުން ހަގު ކުދިންނަށް މިގައުމު ހިންގުން ދިނުމަށްފަހު، އަނިޔާވެރި ސިޔާސާތުތަކަށް މިސްރާބު ޖައްސަވަމުން ގެންދަވާ މަންޒަރުކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
"ސިޔާސީ ފަރާތްތައް ޖަލަށްލި. އެބޭފުޅާގެ ފިކުރުގައި ތިބި ރައްޔިތުންގެ މެމްބަރުން ފޫހިވެއްޖެ. މިއަންނަ ދައުރަށް ކުރިމަތި ލުމުގެ ވިސްނުން އެބަހުރި. ރައިސް ޔާމިން ސިޔާސަތާއި ގުޅިގެން ކިޔާނެ އެއްޗެއް ނެތް. ރައްޔިތުންގެ ނޭއްގާނީ ކަމާއި މެދު ރައްޔިތުންގެ މަންދޫބުން ފޫހިވެއްޖެ" ނިޒާރު ވިދާޅުވިއެވެ.
ޤާނޫނުތަކަށް ވެރިކަން ކުރުމަކީ އަމަލީ ގޮތުން އެކަން ކުރުން ކަމަށްވާއިރު މިއަދު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް ޔާމިންއަށް ގެއްލިފައިވާ ކަމަށާއި ދެން ސަލާމަތްވާން އޮތީ ރައްޔިތުން ބުނާ ގޮތަށް ވެރިކަންކޮށްގެންކަމަށް ނިޒާރު ތަކުރާރު ކުރެއްވިއެވެ.
ކާނަލް ނާޒިމްގެ މައްޗަށް ކުރެވިފައިވަނީ ނުހައްގު ދައުވާއެއް ކަމަށް ދިވެހި ހުރިހާ ރައްޔިތުން ޤަބޫލުރާއިރު ޕީޕީއެމްގެ މެމްބަރުންވެސް އެމަނިކުފާނުގެ ސިޔާސަތުތަކަށް މިހާރު ތާއީދު ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެގޮތުން ޕީޕީއެމް މެމްބަރުން ރައީސް ޔާމިންގެ ސިޔާސަތުތައް ވިއްކުމަށްޓަކައި ކުރަމުންދަނީ ބޭކާރު ކަމަކަށްވާއިރު ގަދަކަމުން 2018 ރައީސް ޔާމިންއަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.