ކ. މާލެ
|
5 އޭޕްރިލް 2023 | ބުދަ 06:37
ޝެއިޚް ސިފާން
ޝެއިޚް ސިފާން
ރާއްޖެއެމްވީ
އިހުޔާ ފޯރަމް
އިސްލާމްދީނުގައި ނަސްލެއްގެ ސަބަބުން މީހަކަށް މާތްކަމެއް، މަތިވެރިކަމެއް ލިބިގެން ނުވޭ: ޝެއިޚް ސިފާން
އަންގާރަ ދުވަހުގެ ރޭ ބޭއްވި މި ފޯރަމްގެ މައުޟޫއަކީ އަލް ޙުޖުރާތު ސޫރަތުން ލިބޭ ފިލާވަޅުތައް
މާތް ﷲ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފިނަމަ އެކަމަކަށް އެއްވެސް އަޅަކަށް ނުރުހުންތެރި ނުވެވޭނެ

އިސްލާމްދީނުގައި އިންސާނާ ދުނިޔެއަށް އައި ނަސްލެއްގެ ސަބަބުން އޭނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށް އައްޝައިޚް މުޙައްމަދު ސިފާން ވިދާޅުވެއްޖެއެވެ.

ޝެއިޚް ސިފާން މިފަދައިން ވިދާޅުވީ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި 8 ވަނަ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. މި ފޯރަމްގައި އައްޝައިޚް ސިފާންގެ އިތުރުން އައްޝައިޚް ޢާޒިމް ޚާލިދު ވެސް ބައިވެރިވެލެއްވިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި މި ފޯރަމްގެ މައުޟޫއަކީ ”އަލް ޙުޖުރާތު ސޫރަތުން ލިބޭ ފިލާވަޅުތައް”އެވެ. މާތްﷲ މި ސޫރަތް ފައްޓާފައިވަނީ ވެސް ވަރަށް މަތިވެރި ފިލާވަޅު އުނގަންނައިދެމުން ކަމަށާއި އެއީ މުސްލިމަކަށް ބޭނުންވާނެ އެންމެ ފުރަތަމަ އިރުޝާދުތައް ކަމަށް ޝެއިޚު ސިފާން ވިދާޅުވިއެވެ. އެގޮތުން، މާތްﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުގައި އަދަބުވެރިވުމަށް މި ސޫރަތުގައި އިރުޝާދު ދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާތްﷲ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފިނަމަ އެކަމަކަށް އެއްވެސް އަޅަކަށް ނުރުހުންތެރި ނުވެވޭނެކަމަށާއި މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ އެންގެވި ގޮތަށް އުޅެންޖެހޭ ކަން ޝައިޚް ވަނީ ފާހަގަކުރައްވާފައެވެ. އަދި ތިމާ ވަކި ނަސަބަކުން އައިނަމަވެސް ނަސްލެއްގެ ސަބަބުން އިންސާނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށާއި މާތްﷲގެ ހަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރި މީހާކަމަށް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް ބަޔާންކުރައްވާފައިވާ ކަން ފާހަގަކުރައްވައި ޝެއިޚު ސިފާން ވިދާޅުވީ ޤުރުއާނުން އެންމެ ހެޔޮވެގެންވާ މަގަށް މަގު ދައްކައިދޭކަމަށް މާތްﷲ ވަޙީކުރައްވާފައިވާ ކަމަށާއި އަލް ޙުޖްރާތު ސޫރަތުގައި ބަޔާންވެގެންވަނީ އަޅުގަނޑުމެންގެ މުޖުތަމައަށް ބޭނުންވާ އަޚްލާޤީ ސިފަތައްކަމަށެވެ. އަދި އެ ސޫރަތުގެ އާޔަތްތަކަށް ބައްލަވައި މިހާރު އަޅުގަނޑުމެންގެ މުޖުތަމައުގައި ދިމާވާ ކަންކަމަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދިނުމަށް އަންގަވާފައިވީނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަނީ އެއާ ޚިލާފަށް ޢަމަލުކުރާތަންކަމަށެވެ.

އޭނާ ވިދާޅުވީ ބަޔަކު މައްސަލައެއް ޖެހިގެން އުޅޭނަމަ އެ މައްސަލަ އިތުރަށް ގޯސްކުރުމުގެ ބަދަލުގައި އެކަމެއް ޙައްލުކޮށްދިނުމަށް މި ސޫރަތުގައި މާތްﷲ އަންގަވާފައިވާކަމަށެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢާޒިމް ޚާލިދް ވަނީ މި މުޖުތަމައުގައި ހިނގާ ކަންތައްތަކުން މިސާލު ނަންގަވައި ޙުޖުރާތު ސޫރަތުގައި އެކަންކަމާއި ގުޅޭ ގޮތުން ވަޙީކުރައްވާފައިވާ އާޔަތްތައް ތަފްސީލުކޮށްދެއްވަމުން މީހަކު ޚަބަރަކާއިގެން އައިނަމަވެސް އެ ޚަބަރެއްގެ ތެދުދޮގު ނުބަލައި އެއީ ހަގީގަތެއްކަމަށް ބަލައިގެން ނުވާނެކަން ފާހަގަކުރައްވާފައެވެ. އަދި ކުށްހީތަކާއި، ދެބައޮޑުވުމާއި ދޭތެރެޖެއްސުންފަދަ ކަންކަމުން މުސްލިމުން ދުރުހެލިވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

- ކޮމެންޓް