Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 22:54
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހު
ގޫގުލް
މަސީހު އިތުބާރުގެ މައްސަލަ
ގާރީގެ ސޮއާއިއެކު މަޖިލީހުން މައްސަލަ ބަލައިގަނެ، މަސީހުގެ އިތުބާރުގެ ވޯޓް މިމަހު 24 ގައި
މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅީ 45 މެންބަރުން ސޮއިއާއިއެކު
މައްސަލައިގައި ވޯޓު ނަގާނީ މިމަހު 24 ގައި
މެންބަރު ޤާރީ އަޙުމަދު ރަޝީދުގެ ސޮއާއިމެދު ކުރިން ވަނީ ސުވާލު އުފައްދާފަ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓުނެގުން މި ޖުލައި މަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ.

މަޖިލީހުން މިގޮތަށް ނިންމައި، ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސަށް ނޯޓިސް ފޮނުވަން ނިންމާފައިވާކަން، މަޖިލީހުގެ ބައެއް އިސް ފަރާތްތަކުން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފައެވެ.

މަޖިލީހުގެ 45 މެންބަރުންގެ އެންޑޯސްމަންޓާއިއެކު މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. މައްސަލަ އެންޑޯސްކުރި މެންބަރުންގެ ތެރޭގައި، އެމްޑީއޭ ފިޔަވައި މަޖިލިހުގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، މަޖިލީހުގައި ތިބި އަމިއްލަ މެންބަރުންވެސް ހިމެނެއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދުމަށް އެންޑޯސްކުރި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމްގެ 10 މެންބަރުން ހިމެނެއެވެ. އެ މެންބަރުންނަކީ،

  • އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
  • ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
  • މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
  • ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
  • އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ
  • ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ
  • ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
  • ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު
  • ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ
  • މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

މަޖިލީހަށް މައްސަލަ ހުށަހެޅުމާއި އެކު މި މެންބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޤާރީ) ވަނީ އެންޑޯސްމަންޓް ލިސްޓުގައިވާ އެބޭފުޅާގެ ސޮއަކީ ވަގުސޮއެއް ކަމަށް ވިދާޅުވެފައެވެ.

އެންމެ ޓީވީ ޗެނަލަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤާރީ މިފަދައިން ވިދާޅުވިތާ ގިނަ އިރުތަކެއްނުވެ، އެންޑޯސްމަންޓް ޝީޓުގައި ޤާރީ ސޮއިކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއަކާއި، ސޮއިކުރެއްވުމަށްފަހު ނަމާދު ކުރައްވައި ދުޢާކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

ފޮޓޯތައް އާންމުވުމާއިއެކު ސޮއި ފޯޖުކުރި ވާހަކަ އޮބި، ޤާރީއަށް ރިޝްވަތުދިން ކަމަށްބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ޤާރީ ފިޔަވައި މި ލިސްޓުގައި ހިމެނޭ ފަރާތްތައް އެފަރާތްތަކުގެ ސޮއަކީ ސައްޚަ ސޮއިކަން ހާމަކުރައްވަމުން ގެންދަވާއިރު، ޤާރީގެ ސޮއިގެ ސައްޚަކަމާއިމެދު ޝައްކު އުފައްދައި، ވާހަކަ ދެކެވެމުން ދާ މި ދަނޑިވަޅުގައި، މި މައްސަލައިގައި ވޯޓުނެގުން މި ޖުލައި މަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދަން މަޖިލީހުން ނިންމި ނިންމުމަކީ، ޤާރީގެ ސޮއި މަޖިލީހުން ބަލައިގަތުން ކަމުގައި ޤާނޫނީ ފަރާތްތަކުން ދެކެއެވެ.

މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފަހުން ހުށަހެޅުމާއިއެކު، ޤަވާއިދަށް ބަދަލުގެނެސް އެފަދަ މައްސަލަ ހުށަހެޅޭނީ 42 މެންބަރުންގެ އެންޑޯސްމަންޓާއި އެކު ކަމަށް ނިންމުމުން، އެ އަދަދަށްވުރެވެސް ގިނައިން ސޮއި ހުށަހަޅައި، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިހާރު ވޯޓަކަށް ނުދިޔަ ނަމަވެސް މަސީހުގެ ހައިސިއްޔަތެއް ނެތް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް