މަސްބޭނުމޭ ބުނިފިނަމަ އެކަމަށް ފޯރި ނެތް މީހަކު މަދުވާނެއެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކުރާ މީހުންނާއި، މުނިފޫހި ފިލުވާލުމުގެ ގޮތުން މަސްދަތުރުކޮށް އުޅޭ މީހުންގެ އިތުރުން، ޢިލްމީ އެކި ކަހަލަ ދިރާސާތައް ކުރުމުގެ ބޭނުމަށް، މަސްބާނާ ސައެންސްވެރިންވެސް މަދެއް ނޫނެވެ. ކޮންމެ ހާލަތެއްގައިވެސް، އާދަޔާ ޚިލާފު ތަޖުރިބާތަކާ ކުރިމަތިވެއެވެ. މިފަހަރުވެސް އެކަހަލަ ވާހަކައެކެވެ. ދައްކަން މިއުޅެނީ، މަސްބޭނުމުގެ ރެކޯޑްތަކެއް މުގުރާލައިގެން އުޅޭ ވާހަކައެވެ. މިފަހަރު މިކަން ކުރީ ސައެންސްވެރިންތަކެކެވެ.
މި ތާރީޚީ ދަތުރުނާމާގެ މަންޒިލަކީ ޕެސިފިކް ކަނޑުގެ ސަރަޙައްދެވެ. ޕެސިފިކް ކަނޑުގައި އޮންނަ އިޒޫ-އޮގަސާވަރާ ޓްރެންޗްއޭ ކިއުނު ސަރަޙައްދުގައި ސައެންސްވެރިން ވަނީ މަސްވެރިކަމުގެ 2 ރެކޯޑެއް މުގުރާލާފައެވެ. އެއީ މިހާތަނަށް އެންމެ ފުން ސަރަޙައްދަކުން މަސް ބޭނުމުގެ ރެކޯޑްގެ އިތުރުން، އެހާ ފުނުން މަސް ބޭނި މަންޒަރު ރެކޯޑް ވީޑިއޯ ކުރުމުގެ ރެކޯޑެވެ.
ސްނެއިލްފިޝްއަކީ ވަރަށް އާދަޔާ ޚީލާފު މަޚްލޫޤެއް. އެއީ އާންމުކޮށް ފުންކަނޑުތަކުގަ އުޅޭ އެއްޗެއް ނޫން. އެއީ އެންމެ ފުންކަނޑުގަ އުޅޭ އެއްޗެއް. އެކަމަކު އެއީ ފުންކަނޑުތަކުގެ މަހެއް ނޫން. މީ ލިޕަރިޑޭ ޢާއިލާގެ މަހެއް. އެ ޢާއިލާގެ އުޅޭނެ ގާތްގަނޑަކަށް 300 ބާވަތުގެ ސްނެއިލްފިޝް. ގިނަ ބާވަތްތައް އުޅޭނީ ވަރަށް ވަރަށް ތިލަ ތަންތަނުގަ. ބައެއް މަސްތައް އުޅޭނެ، ކޯރުތައް ގޮސް ކަނޑާ ގުޅޭ އަނގަތަކުގަވެސް. އެހެންވެ، މީ ފުންކަނޑުތަކުގެ މަހެކޭ ނުބުނެވޭ. އެކަމަކު، ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް މި މަސްވަނީ ހާއްސަވެފަ. ފުންކަނޑުތަކަށް ހާއްސަ މަސްތަކުގެ މައްޗަށްވެސް ކުރި ހޯދާފަ. ވީޑިއޯއިން ތި ފެންނަނީ، ފުންކަނޑުތަކުގަ މަހެއް އުޅޭނެކަމަށް ޤަބޫލުކުރި ފުންމިނަށް ވުރެ 1000 މީޓަރު އަޑި. ފުން ކަނޑުތަކަށް ހާއްސަ މަސްމަހޭމެއްސަށްވުރެ، މި މަސް، ފުންކަނޑުތަކުގެ ސިފަވަންތަ.ޕްރޮފެސަރ އެލަން ޖެމެއިސަން؛ ޗީފް ސައެންޓިސްޓް
ސައެންސްވެރިން ވަނީ އިޒޫ-އޮގަސާވަރާ ޓްރެންޗްގެ 8336 މީޓަރު އަޑީގައި އުޅުނު ސްނެއިލްފިޝްއެއްގެ މަންޒަރުތައް ވީޑިއޯ ކޮށްފައެވެ. މި މަހަކީ ލިޕަރިޑޭ އާއިލާގެ މަހެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި މަންޒަރުތައް ވީޑިއޯ ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މީގެ ކުރިން، އެންމެ ފުނުން މަސްމަހާމެހީގެ ވީޑިއޯ ރެކޯޑް ކޮށްފައި ވަނީ މަރިއާނާ ޓްރެންޗުގައެވެ. އެއީ 158 މީޓަރު ފުނުންނެވެ.
މި އާދަޔާ ޚިލާފު މަންޒަރުތައް ވީޑިއޯ ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ސައެންސްވެރިން ވަނީ ޖަޕާން ޓްރެންޗުގެ 8022 މީޓަރު އަޑިން، 2 ސްނެއިންފިޝް ހިފާފައެވެ. މިއީ 8 ކިލޯމީޓަރަށްވުރެ ފުން ސަރަޙައްދަކުން މަހެއް ހިފި ކަމަށް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.
ކަނޑުގެ ފުން ސަރަޙައްދުތަކުން މަސްވެރިކަން ކުރުމާ ބެހޭ ދިރާސާތައް ކުރަމުންދާ މަޝްރޫއުގެ އިސް ސައެންޓިސްޓެއްގެ ގޮތުގައި ހުންނެވި ޕްރޮފެސަރ އެލަން ޖެމެއިސަން ވިދާޅުވީ، މިއަށްވުރެ ފުނުން އެހެން މީހަކު މަހެއް ބޭނި ކަމުގައި ވީ ނަމަވެސް، މިއަށްވުރެ މާ ބޮޑުތަން ފުން ނުވާނެ ކަމަށެވެ.
އެންމެ އިހު ޒަމާނުއްސުރެ ފެށިގެން، ޢުމުރުން އެންމެ ދެތިން އަހަރުގެ ކުދިން ގާތުގަވެސް އަހަރަމެން ކިއަމުން މި ދަނީ، ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކަކީ، ބިރުވެރި، ނާމާން ތަނެކޭ. އެތަންތަނަށް ގޮސްގެން ނުވާނޭ. ކުދިން ބޮޑެތިވެގެން މި އަންނަނީވެސް އެ ފިކުރުގަ. އެންމެ ރަނގަޅު ފެންވަރުގެ ޑޮކިއުމަންޓްރީތައް ބެލިއަސް މި ފެންނަނީ އެކަހަލަ ވާހަކަތަކެއް. ކަނޑުގެ އެންމެ ފުން ސަރަޙައްދުތަކަކީ، ބިރުވެރި، ކަނޑު ފުރޭތަތައް އުޅޭ ތަނެއްގެ ގޮތުގަ ސިފަކޮށްދީފަ އޮންނަނީ. އެހެންވެ، އެ ސަރަޙައްދުތަކަކީ ދުނިޔޭގެ އެންމެ މުއްސަނދި ދިރުންތައް ހުރިތަން ކަމުގަ ބަލައިނުގަނެވިފަ އޮންނަނީ. އަހަރަމެންގެ ސަބަބުން އެ ސަރަޙައްދަށް ކުރާ އަސަރާ، އެކަންކަން ހިނގާ ގޮތަށް ސަމާލުކަން ނުދެވި އޮންނަނީ.ޕްރޮފެސަރ އެލަން ޖެމެއިސަން؛ ޗީފް ސައެންޓިސްޓް
ދިރާސާގެ ބޭނުމަށް ކުރާ މި މަސްދަތުރަކީ، ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއާއި ޓޯކިޔޯ ޔުނިވަރސިޓީ އޮފް މެރިން ސައެންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށް ގެންދާ ދިރާސާ މަޝްރޫޢެކެވެ. ދުނިޔޭގެ އެންމެ ފުން ސަރަޙައްދުގައި އުޅޭ މަސްމަހާމެއްސާ ބެހޭ މި ދިރާސާ މަޝްރޫޢަކީ، 10 އަހަރު ދުވަހުގެ މަޝްރޫޢެކެވެ.