ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ޤާނޫނަށް 7 އިސްލާހެއް ވަނީ ހުށަހަޅުއްވާފައެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. އަންގާރަ ދުވަހު އެ ބިލް ހުށަހަޅުއްވާދެއްވަމުން މެންބަރު ނިޔާޒް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހުރިހާ އުމުރުފުރާތަކެއްގެ ވާދަވެރި އަދި ވާދަވެރި ނޫން ކުޅިވަރުގެ އެންމެހާ ހަރަކާތްތައް އެއް އޮނިގަނޑެއްގެ ދަށުން ބައްޓަން ކުރުން ކަމަށެވެ.
މީގެ އިތުރުން ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮމިޝަނަރ އޮފް ސްޕޯޓްްސް އާއި ކުޅިވަރާއި ބެހޭ ޤައުމީ މަޖިލީހުގެ ދައުރާއި މަސްޢޫލިއްޔަތުތަކާއި ޤާނޫނުގެ ދަށުން އުފައްދާފައިވާ އެ ނޫން ވެސް އިދާރާތަކުގެ މަސްޢޫލިއްޔަތުތައް ފުށުނާރާ ގޮތަށް ހަމަޖެއްސުމަށް ޤާނޫނީ އިސްލާހުތައް ގެނައުމަކީ މަގްސަދެއްކަމަށް ވަނީ ބުނެފައެވެ. އިތުރަށް މެންބަރު ނިޔާޒް ވިދާޅުވީ އެ އިސްލާހުތަކުގެ ސަބަބުން ޤާނޫނު ހިންގުމުގެ ނިޒާމް ހަރުދަނާކުރެވޭނެ ކަމަށެވެ.
ނިޔާޒް ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި އެ ޤާނޫނުގެ 1 ވަނަ މާއްދާގެ (ހ) އާއި 2 ވަނަ މާއްދާގެ (ހ) އާއި (ފ)، ތިން ވަނަ މާއްދާގެ ފެށޭ އިބާރާތް، ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހު ކުރުމަށެވެ. މީގެ އިތުރުން 4 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުން ހިމެނެއެވެ. އެގޮތުން 3 ވަނަ މާއްދާގެ ފެށޭ އިބާރާތުން އިސްލާހުކޮށްފައި ވަނީ ތަފާތުނުކުރުމާއި ބެހޭ ތަފްސީލްތައް ހިމަނާފައިވާ ބައެވެ. އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އިސްލާހުކުރަނީ ކުޅިވަރު ބެހިގެންވާ ބައިތައް ކަނޑައަޅާފައިވާ ގޮތް ބަޔާންކުރުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ (1) ޓީމް ކުޅިވަރު، އަދި (2) ފަރުދީގޮތުން ވާދަކުރާ ކުޅިވަރެވެ.މި ނޫނަސް ބައެއް މުހިންމު އިސްލާހުތައް މި ބިލުގައި ހިމަނާފައިވެއެވެ.
އެ އިސްލާހުގައި އިތުރުކުރަން ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ނަމުގައި 4.1ގެ ގޮތުގައި އިތުރު ކުރާ މާއްދާއެކެވެ. އެ މާއްދާގައި ރާއްޖޭގެ ޤައުމީ ކުޅިވަރުގެ އޮނިގަނޑު އެކުލެވޭނީ ސްކޫލް ކުޅިވަރު، ވާދަވެރި ނޫން ކުޅިވަރު ވާދަވެރި ކުޅިވަރުގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ. އަދި ޤައުމީ ކުޅިވަރުގެ އޮނިގަނޑުގެ މަގްސަދުތައް ވަނީ އެ މާއްދާގައި ތަފްސީލްކޮށްދީފައެވެ.