Advertisement
ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 12:16
ތިމަރަފުށި ހަރުކަށި ފިކުރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބައެއް މީހުން
ތިމަރަފުށި ހަރުކަށި ފިކުރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ބައެއް މީހުން
ރާއްޖެ އެމްވީ
ތިމަރަފުށީ ހަރުކަށިފިކުރު
ތިމަރަފުށީ ހަރުކަށިފިކުރު: ދައުވާލިބޭ ފަރާތްތަކުގެ ޙައްޤަށް އުނިކަން ނާންނާނެ ގޮތަށް ހެކިބަސް ނަގަން ދިފާއުން އެދޭ
ހެކިބަސް ދޭން ތިބި މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދޭ އުސޫލަކުން ހެކިބަސް ނަގައިދިނުމަށް ދައުލަތުން އެދުނު
ހެކިންނަކީ ކޮން ބައެއްކަން އާންމުވެއްޖެނަމަ އެމީހުންނަށް ނުރައްކަލެއް ވެދާނެކަމަށް ދައުލަތުން ދެކޭ
ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރާ، ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައަޅައި، އެ ހުށައެޅުންތަކާމެދު ވާހަކަ ދެއްކުމެވެ.

ދައުލަތުން ވަނީ ހެކިބަސް ދޭން ތިބި މީހުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދޭ އުސޫލަކުން ހެކިބަސް ނަގައިދިނުމަށް އެދި ހުށައަޅާފައެވެ. އެގޮތުން ސިއްރު ހެކިންނާއި، ބައެއް ރިޕޯޓު ތައްޔާރު ކުރެއްވި ޝަފަހީ ހެކިންގެ ހެކިބަސް ނަގާއިރު، އެގޮތުގެ މަތިން ހެކިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ހެކިބަސް ނަގައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެ ހެކިންނަކީ ކޮން ބައެއްކަން އާންމުވެއްޖެނަމަ އެމީހުންނަށް ނުރައްކަލެއް ވެދާނެކަމަށް ދައުލަތުން ދެކެއެވެ.

އެއަށްފަހު ދައުުވާލިބޭ ފަރާތްތަކުން ވަނީ ދައުލަތުގެ އެ ހުށައެޅުމަށް ރައްދު ދީފައެވެ. މި މުޅި މައްސަލަ ބިނާވަނީ ސިއްރު ހެކިންގެ ހެކިބަހުގެ މައްޗަށްކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލުން ވަނީ ދައުވާލިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށް ޝަރީއަތުގައި އެދިފައެވެ.

އޭގެ އިތުރުން، ހެކިތަކަށް ވަކިން ބެއްލެއްވުމަށްފަހު، އެ ހެކިންނަށް ހިމާޔަތް ދޭންޖެހޭ ދަރަޖަ މި މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުއްވުމަށްވެސް ބައެއް ދިފާއީ ވަކީލުން އެދިލެއްވިއެވެ.

Advertisement

އެ މައުޟޫގައި ޝަރީއަތުން ވަނީ ދައުލަތާއި ދިފާއަށްވެސް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ދެފަރާތުން ދެއްކި ވާހަކައަށް ބަލައި ގާޒީ ވަނީ ދައުލަތުގެ ހުށައެޅުމަށް އިސްލާހެއް ގެންނަން ބޭނުންވާނަމަ އެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވާފައެވެ.

އެހެންނަމަވެސް ދައުލަތުން ވަނީ ހުށައެޅުމަށް ބަަދަލެއް ގެންނަން ބޭނުން ނުވާކަން ފާހަގަކޮށްފައެވެ.

އެއަށްފަހު މުހައްމަދު އާސިރުގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުން ހުށައަޅާފައެވެ. އެއީ ދައުވާގައި އުނިކަމެއްވާ ކަމަށް ބަޔާންކޮށްފައިވާ ހުށައެޅުމާއި، ބައެއް ހެކި ބަލައިނުގަތުމާއި ގުޅޭ ހުށައެޅުމެކެވެ.

ދައުވާލިބޭ ޝަމާހު ޝަރީފުގެ ފަރާތުންވެސް ހުށައަޅާފައިވަނީ ހަމަ އެ ހުށައެޅުންތަކެވެ.

މި މައްސަލައިގެ އަޑުއެހުން އެހިސާބުން ވަނީ ނިންމާލާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމުމެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 11 އޭޕްރީލް ގެ 09:30 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް