ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 11:32
ޕީއެސްޖީއާ ދެކޮޅަށް ކުލުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ލިއޯން އިން އުފާ ފާޅު ކުރަނީ
ޕީއެސްޖީއާ ދެކޮޅަށް ކުލުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ލިއޯން އިން އުފާ ފާޅު ކުރަނީ
ރޮއިޓާރސް
ފްރާންސް ލީގު
ބްރޭކަށްފަހު އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ ބަލިވެއްޖެ
 
މިއީ މިއަހަރުގެ ތެރޭގައި ޕީއެސްޖީ ބަލިވި ފަސް ވަނަ މެޗު

އިންޓަނޭޝަނަލް ބްރޭކަށްފަހު ފްރާންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ ލިއޯންއާ ވާދަކޮށް، 1-0 އިންނެވެ. މިއީ މިއަހަރުގެ ތެރޭގައި ޕީއެސްޖީ ބަލިވި ފަސް ވަނަ މެޗެވެ. އިންޓަނޭޝަނަލް ބްރޭކަށް މެދު ކަނޑާލުމުގެ ކުރިން ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. މެޗުގައި ލިއޯން ލަނޑު ޖެހުމަށް ލިބުނު ފުރަތަމަ ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި އަލެކްސަންޑާ ލަކަޒޭ ފޮނުވާލި ބޯޅަ ކާމިޔާބެއް ނުވި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ލިއޯން އިން ވަނީ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. 56 ވަނަ މިނެޓުގައި ސައެލް ކުމްބަޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޑްލީ ބަކޯލާ އެވެ.

މި މެޗުގައި ޕީއެސްޖީގެ ސަޕޯޓަރުން ވަނީ އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާ ދިމާ ކުރުމުގެ ގޮތުން އަޑުގަދަކޮށްފަ އެވެ. ސަބަބަކީ ޕީއެސްޖީގެ އެއްބަސްވުން މެސީ އައު ނުކުރާނެ ކަމުގެ އަޑުތަކެއް ފެތުރި، މެސީ އަލުން ހޯދުމުގެ މަސައްކަތް އޭނާގެ ކުރީގެ ކުލަބް ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށް ވާހަތައް ދެކެވެމުން އަންނާތީ އެވެ. ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ހަމަވާނެ އެވެ.

މެޗުން ބަލިވި ނަމަވެސް ޕީއެސްޖީ އެއް ވަަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކު އެވެ. ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން އެ ޓީމަށް ލިބެނީ 66 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ލެންްސް އަށް ލިބެނީ 60 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް