ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށްފި އެވެ.
ޗެލްސީން ޕޮޓާ ވަކިކޮށްފައި ވަނީ ޕްރިމިއާ ލީގުގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. ލީގުގައި އެންމެ ފަހުން އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސް ޗެލްސީ ވަނީ ބަލިވެފަ އެވެ. އެ މެޗަށްފަހު ޕޮޓާ ބުނީ ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި، ނަމަވެސް ޗެލްސީއާއެކު ކުރިއަށް ދިޔުމަށް ޕްރެޝަރެއް ނެތް ކަމަށެވެ. ޗެލްސީގެ ކޯޗުކަމުން ޕޯޓާ ވަކިކޮށްފައި ވަނީ ކުލަބާ ހަވާލުވިތާ ހަތް މަސް ދުވަސް ފަހުންނެވެ. ކުރީގެ ކޯޗު ތޯމްސް ޓުޗެލް ވަކިކުރުމަށް ފަހު އެ މަގާމަށް ޕޮޓާ ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޓުޗެލް ވެސް ވަކިކޮށްފައި ވަނީ ނަތީޖާ ނުނެރެވޭތީ ކަމަށް ބުނެ، ކުލަބުގެ އައު ވެރިންނެވެ.
ޗެލްސީން އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ޕޮޓާ މަގާމުން ވަކިކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމުގައި ކުލަބަށް ފުރިހަމަ އަށް އެއްބާރުލުން ދިނުމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ޕޮޓާ ވަނީ ޗެލްސީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާ ހަމައަށް ގެންގޮސްދީފައި ކަމަށެވެ. އެހެންކަމުން ފާއިތުވި ދުވަސްތަކުގައި ޕޮޓާގެ ފަރާތުން ޗެލްސީ އަށް ލިބުނު އެހީތެރިކަމާއި، އެއްބާރުލުމަށ ޝުކުރު އަދާ ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ޗެލްސީ ބުނީ ވަގުތީ ގޮތުން ކޯޗުގެ މަސްއޫލިއްޔަތު އަދާ ކުރާނީ ބްރޫނޯ ސަލްޓޯ ކަމަށެވެ.
ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލްގެ 11 ވަނައިގަ އެވެ. އެއީ ކުޅުނު 28 މެޗުން 38 ޕޮއިންޓާއެކު އެވެ. ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ޖުމުލަ 31 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 12 މެޗުން މޮޅުވެ 11 މެޗުން ބަލިވެފަ އެވެ. ބާކީ އަށް މެޗު ނިމުނީ އެއްވަރުވެގެންނެވެ.