އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ މަގާމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިޚާބުކޮށްފިއެވެ.
ބުދަ ދުވަހު އެމްޑީޕީ ޕީޖީ ގްރޫޕުން ނެގި ވޯޓުން ރޮޒައިނާއާއި އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި ވާދަކޮށްގެންނެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އިންތިޚާބަކަށް ދާންޖެހުނީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމް އެކަންޏެވެ.
ޕީޖީ ގްރޫޕްގެ ލީޑަރުގެ މަގާމަށް އިންތިޚާބަކާއި ނުލައި ހޮވިފައި ވަނީ އެ މަގާމުގައި ކުރިން ވެސް ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހްއެވެ.