ސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގައި ވިދާލީ ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދައިފަ އެވެ. މެޗު ފަށައިގެން 22 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ރޮޑްރީގޯ އެވެ. އެއީ މާކޯ އަސަންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ބެންޒެމާ ވަނީ ހަތް މިނެޓުގެ ތެރޭގައި ތިން ލަނޑު ޖަހައިފަ އެވެ. އެއީ 29 ވަނަ މިނެޓާއި 32 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑާއި، 36 ވަނަ މިނެޓުގައި ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ލަނޑުތަކުންނެވެ. ދެ ވަނަ ހާފަށް ނުކުމެ މެޗުގެ 65 ވަނަ މިނެޓުގައި ރޮޑްރީގޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ ލަނޑު ބަލައިނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން 73 ވަނަ މިނެޓުގައި އަސަންސިއޯ ވަނީ ލަނޑެއް ޖަހައިފަ އެވެ. ރެއާލްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ލޫކަސް ވަޒްކުއޭސް އެވެ. އޭނާ ލަނޑު ޖެހުމަށް އެހީވެދިނީ އެޑެން ހަޒާޑް އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން ހަޒާޑް ރެއާލަށް ކުޅެދިން ފުރަތަމަ މެޗެވެ.
މޮޅާއެކު ވެސް ރެއާލް އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ ކުޅުނު 27 މެޗުން 59 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އޮތީ 71 ޕޮއިންޓާއެކު އެވެ.