ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 07:47
ބަޔާނަށް ކުޅެމުން އަންނަ ޕަވާޑް
ބަޔާނަށް ކުޅެމުން އަންނަ ޕަވާޑް
ޓްވިޓަރ
ބަޔާން މިއުނިކް
ޕަވާޑްގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާއެއް ބަޔާނަކާ ނުކުރޭ
އޭނާ ބުނީ މުސްތަޤުބަލުގެ ވާހަކަ ދައްކާނީ މި ސީޒަންގައި ލިބޭ ނަތީޖާއަކަށްފަހު ކަމަށް

އެއްބަސްވުން އައު ކުރުމުގެ މަޝްވަރާއެއް ބަޔާން މިއުނިކާއެކު ކުރިއަށް ނުގެންދާ ކަމަށް އެ ކުލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ބަޔާނަށް ބަދަލުވީއިރު، އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ހަމަވާނެ އެވެ. ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕަވާޑް ވަނީ މިހާތަނަށް ކުލަބާއެކު އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ނުކުރާ ކަމަށް ބުނެފަ އެވެ. އޭނާ މިހެން ބުނީ މުސްތަޤުބަލާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އެއްބަސްވުމުގެ ސުވާލަކީ އޭނާ އިންތިޒާރުކޮށްގެން ހުރި ސުވާލެއް ކަމަށާއި، ނަމަވެސް މިވަގުތަށް އެކަހަލަ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ. އެކަން ފާހަގަކުރަމުން ޕަވާޑް ބުނީ އޭނާގެ ވެސް އަދި ކުލަބުގެ ވެސް ފޯކަސް ހުރީ އަމާޒު ހިފާފައިވާ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކަމަށެވެ. އޭނާ ބުނީ މަސައްކަތް ކުރަމުން އަންނަނީ އޭނާ އަށް ދެއްކުނު އެންމެ މޮޅު ކުޅުމެއް ދެއްކުމަށް ކަމަށާއި، ބޭނުންވަނީ ބަޔާނާއެކު ތަށިތައް ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި މުސްތަޤުބަލުގެ ވާހަކަ ދައްކާނީ މި ސީޒަންގައި ލިބޭ ނަތީޖާއަކަށްފަހު ކަމަށެވެ.

ޕަވާޑް ވަނީ މިހާތަނަށް ބަޔާނަށް 152 މެޗު ކުޅެދީ 11 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކުލަބާއެކު 10 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު، ޑީއެފްބީ ޕޯކަލް، ޑީއެފްއެލް ސުޕަ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ޕަވާޑް އަންނަނީ 2017 ވަނަ އަހަރުން ފެށިގެން ފްރާންސް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމުގައި ވެސް އިސް ރޯލެއް އަދާ ކުރަމުން އަންނަ ޕަވާޑް ވަނީ މިހާތަނަށް ޤައުމީ ޓީމަށް 48 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ.

- ކޮމެންޓް