ޖަރުމަނު ލީގުގައި ސްޓަޓްގާޓް ބަލިކޮށް ޔޫނިއަން ބާލިން އިން ލީގު ރޭހުގައި ހިފަހައްޓައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސްޓަޓްގާޓާ ދެކޮޅަށް ނުކުތްއިރު، ޔޫނިއަން ބާލިން އަކީ ޖަރުމަނު ލީގުގައި މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ފަހަތަށް ޖައްސާލުމަށްފަހު ލީގު ތާވަލްގެ އެއް ވަނައިގައި ވެސް އެ ޓީމު ހިފެހެއްޓި އެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ޔޫނިއަން ބާލިން އިން ސްޓަޓްގާޓްގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޓަޓްގާޓުން ވަނީ ލަނޑެއް ޖަހައިފަ އެވެ. 35 ވަނަ މިނެޓުގައި ޖުއާން ހޯސޭ ޕެރެއާ ލަނޑު ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމައިފަ އެވެ. ފުރަތަމަ ހާފާ ޚިލާފަށް ދެ ވަނަ ހާފުގައި ޔޫނިއަން ބާލިން އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ދެ ވަނަ ހާފަށް ނުކުމެ 51 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. ޖެރޯމް ރޫސިލޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ޝެރަލްޑޯ ބެކާ އެވެ. އޭގެ ފަހުން 65 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ކެވިން ބެހެރެންސް އެވެ. މެޗުގައި ޔޫނިއަން ބާލިން އިން ޖެހި ތިން ވަނަ ލަނޑަކީ ސްޓަޓްގާޓުގެ ގޭންކީ ހަރަގުޗީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މެޗުން މޮޅުވެ ސްޓަޓްގާޓް އޮތީ ޖަރުމަނު ލީގުގެ ތިން ވަނައިގަ އެވެ. އެއީ ކުޅުނު 26 މެޗުން 51 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑު އޮތީ 53 ޕޮއިންޓާއެކު އެވެ. އެއް ވަނައިގައި ބަޔާން މިއުނިކަށް ލިބެނީ 55 ޕޮއިންޓެވެ.