މާލޭގެ 353 ނަންބަރު ކޮށީގެ ދެކުނުފަރާތުގައިވާ ކުރީގެ ރުމާލު ޖަގަހައާއި، ޓޯޔާރޑާއި ދެމެދު ހަދާފައިވާ ގުދަން ހުސް ކުރުމާއި ގުޅޭގޮތުން ކަން ހިނގާފައިވާ ގޮތް މާލޭ ސިޓީ ކައުންސިލުން ސާފުކޮށްދީފިއެވެ.
ހޮނިހިރު ދުވަހު މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިންތަކަކީ މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިން ކަމަށާއި، ކުރީގެ ރުމާލު ޖަގަހައާއި ޓޯޔާރޑާއި ދެމެދު ހަދާފައިވާ ގުދަނަކީވެސް މާލޭ ސިޓީ ކައުންސިލުގެ ނަމުގައި ރަޖިސްޓްރީ ހަދާފައިވާ ބިމެއްގައި ހުރި ގުދަނެއް ކަމަށެވެ.
އެހެންނަމަވެސް އެ ގުދަން ހަދާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން ނޫންކަން އެ ކައުންސިލުން ފާހަގަ ކުރެއެވެ.
އޭގެ އިތުރުން، މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަކާ އެއްބަސްވުމެއް ހަދާފައި އޮތްކަން އެ ކައުންސިލުގެ ލިއެކިއުންތަކުންވެސް އެނގެން ނެތްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
އެހެންކަމުން އެ ގުދަނަކީ ޤަވާއިދާ ޚިލާފަށް، މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބޭނުން ކުރަމުންދާ ތަނަކަށްވާތީ އެ ގުދަނުގައި ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތެއް ހޯދުމަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކޮށް އިއުލާނުވެސް ކޮށްފައެވެ.
އޭގެ އިތުރުން، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެކަން ކައުންސިލަށް ނާންގާނަމަ، ނުވަތަ އެކަމާ ގުޅޭ ލިއެކިއުންތައް ހުށަނާޅާނަމަ، ގުދަން ރޫޅާލައި އެތަނުގައި ހުރި ތަކެތި ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އިއުލާނުވެސް ކުރިކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އެހެންނަމަވެސް 2023 ވަނަ އަހަރުގެ މާރޗު މަސް ނިމިގެންދިޔައިރުވެސް އެއްވެސް ފަރާތަކުން އެގޮތަށް އަމަލުކޮށްފައިނުވާތީ ސިޓީ ކައުންސިލުން ވަނީ އެއީ ވެރިފަރާތެއް ނެތް ތަނެއްގެ ގޮތުގައި ބަލައި އެތަން ހުސް ކުރުމަށް ނިންމާފައެވެ. ނަމަވެސް ގުދަން ހުސްކުރުމަށް ބެލިއިރު އެތަނުގައި މުދާތަކެއް ހުރިކަން އެނގުމާއެކު އެތަނުގައި ހުރި ތަކެތި ރައްކާތެރިކަމާއެކު ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދިޔައީކަމަށް ބުނެފައިވެއެވެ.
އާންމުވެގެން އުޅެނީ އެ މަސައްކަތް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. ޢެގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަޚުލޫފު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ސިޓީ ކައުންސިލުން އެކަން ކުރަނިކޮށް ފޮޓޯނަންގަވައި އާއްމުކުރައްވާފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޔުނިފޯމުގައި ތިބި މުވައްޒަފުންތަކެއް، އެކި ސާމާނު އަޅާފައި ހުރި ފޮށިގަނޑުތަކެއް ޕިކަޕަކަށް ލައިގެން ގެންދެއެވެ.
"ރާއްޖެ އެމްވީ"އަށް މިނިސްޓަރު މަޚުލޫފު ވިދާޅުވީ، ކުރިން ރުމާލު ދޭއް ޖަގަހަ ހުރި ތަނަކީ ޕްލޭނިންގ މިނިސްޓްރީން މީގެ ހަތަރު އަހަރު ކުރިން ޔޫތު މިނިސްޓްރީއަށް ދީފައިވާ ބިމެއް ކަމަށެވެ. އެ ބިން މިނިސްޓްރީއާ ހަވާލުކުރީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ އިންޑޯރ ވޮލީ ކޯޓު ތަރައްގީކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ ހުރިހާ އެއްބަސްވުމެއް ނިމިފައިވާކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހުކުރު ދުވަހު ސިޓީ ކައުންސިލުން އެ މިނިސްޓްރީގެ ބޭފުޅަކަށް ގުޅައި އެތަން ހުސްކުރަން އެންގިކަމަށެވެ. ނަމަވެސް އެއީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަނެއް ކަމަށާއި، ހުއްދަނެތި ނުވަނުމަށް އަންގަވާފައި ވާނެކަމަށްވެސް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ، އެ ބިމުގެ ބޭނުން ކައުންސިލުން އެންމެ ރަނގަޅު ގޮތުގައި ހިފަން ބޭނުންވާ ކަމަށެވެ. ގުދަން ހުސްކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.