ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 07:19
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
އިބްރާހީމް ޝަރީފު
އައްޑޫ ރައްޔިތުން ރައީސް ސާލިހަށް ވޯޓު ނާޅަންވީ ސަބަބެއް ނެތް: ޝަރީފު
އައްޑޫގައި އެއްވެސް ސަރުކާރަކުން ނުހިންގާވަރަށް މިސަރުކާރުން ތަރައްގީގެ މަޝްރޫއު ހިންގާކަމަށް ވިދާޅުވި
ފިކުރެއްގެ ދިރުން ކޮންޓްރޯލްކުރާ ވެރިކަމެއްގައި ހުރިހާ މަޝްރޫއެއް ހުއްޓޭނެކަމަށް ވިދާޅުވި

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި އައްޑޫ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ވޯޓު ނާޅަންވީ ސަބަބެއް ނެތްކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓުތަކެއްގައި ޝަރީފު ވިދާޅުވީ، އައްޑޫ ރައްޔިތުން ރައީސް ސާލިހަށް ބޯކޮށް ވޯޓު އަޅާނެކަމަށެވެ. ނާޅަންވީ ސަބަބެއްވެސް ނެތްކަމަށާއި، ތަރަައްގީގެ ތަސައްވުރެއް އޮވެގެން މަސައްކަތް ފެއްޓެވީ އެމަނިކުފާނުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑުގެ ސަބަބުން މަޝްރޫއުތަކެއް ލަސްވިނަމަވެސް މިހާރު ފެށިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ލޯނު ނަގައިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ, އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން ކޮންޓްރޯލްކުރާ ވެރިކަމެއްގައި އެ މަޝްރޫއުތައް ހުއްޓޭނެކަން އައްޑޫ ރައްޔިތުންނަށް ސާފުކޮށް އެނގޭކަމަށެވެ. އެއީ ފިކުރެއްގެ ދިރުމަކީ މިހާރުވެސް ލޯނު ސްޓްރަކްޗަރކުރުމަށް ގޮވާލަމުން އަންނަ ބަޔަކަށް ވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ، އެހެން އެއްވެސް ސަރުކާރަކުން އައްޑޫ ސިޓީއަށް ގެނެސްދީފައި ނުވާވަރުގެ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ފަށާފައިވާކަމަށެވެ. އަދި މެދުތެރެއިން އެ މަޝްރޫއުތައް ހުއްޓި، އައްޑޫގެ މުސްތަގުބަލަށް ހިޔަނި އެޅޭކަށް އައްޑޫ މީހުން ބޭނުން ނޫންކަމަށާއި، އެހެންކަމުން ރައީސް ސާލިހު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތާއި އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް