ޔުއެފާ އަންހެން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ވުލްވްސްބާގް އަތް ދަށުގެ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކަޓައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ވުލްވްސްބާގް ދަނޑުގައި ކުޅުނު ދެ ވަނަ މެޗަށް ނުކުތްއިރު ޕީއެސްޖީ އަށް ސެމީ ފައިނަލުން ޖާގަ ލިބެން އޮތީ އެ ޓީމު ބަލިކޮށްގެންނެވެ. އެއީ މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން ވުލްވްސްބާގް މޮޅުވެފައި އޮތުމުންނެވެ. ވުލްވްސްބާގްގެ ދަނޑުގައި ކުޅުނު މެޗުގައި ވެސް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އެ ޓީމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ފެލިސިޓަސް ރައުޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ އެލެގްޒެންޑްރާ ޕޮޕް އެވެ. ނަމަވެސް އޭގެ ދިހަ މިނެޓު ފަހުން، ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޕީއެސްޖީގެ ސަކީނާ ކަރްޗައުއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ކަޑިޑިއަތޫ ދިޔާނީ އެވެ.
މެޗު އެއްވަރުވި ނަމަވެސް ސެމީ ފައިނަލުން ޖާގަ ލިބުނީ ވުލްވްސްބާގް އަށެވެ. އެއީ ދެ ލެގުގެ ނަތީޖާ އިން އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. އެގްރިގޭޓް ނަތީޖާ އިން ވުލްވްސްބާގް ކުރި ހޯދަނީ 2-1 އިންނެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ. ސެމީ ފައިނަލްގައި ވުލްވްސްބާގް ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.