ދިގު މުއްދަތެއްގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދާއި މޫސާ ސިރާޖް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
އެ ދެ ވަކީލުން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ބުދަ ދުވަހުގެ 14:00 ގައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަދީބުގެ ވަކީލް ސިރާޖު ވިދާޅުވީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އަދީބު އަވަހާރަކޮށްލުމަށް ރާވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި ސިޓީއާ ގުޅިގެންނެވެ.
މިމައްސަލައާއި ގުޅިގެން ސުވާލުކުރުމުން އެމައުލޫމާތު ވަކީލުންނަށްވެސް ލިބިފައިވަނީ ފުލުހުންގެ ފަރާތުން ކަމަށާއި އަދި އެއީ ކޮން ބައެއްކަން އަދީބާއި، މައުލޫމާތު ހިއްސާކުރި ފުލުހުންގެ ސަލާމަތަށްޓަކައި ހާމަކުރެވެން ނެތް ކަމަށް ވިދާޅުވެ ސިރާޖު ވަނީ ފުލުހުންނަށް ޖަވާބުދާރީވެފައެވެ.
ފުލުހުންނަށް ހުށަހެށި އެސިޓީގައި ވިދާޅުވެފައި ވަނީ މުވައްކިލު އަހުމަދު އަދީބު އަބްދުލްޣަފޫރު ދޫނިދޫ ގޮޅީގައި އޮއްވާ އަވަހާރަކޮށްލުމަށް ރޭވުންތަކެއް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޕޮލިސް ކޮމިޝަނަށް އެޑްރެސް ކުރައްވާ ވަކީލް ފޮނުއްވި ސިޓީގައި އަދީބު އަވަހާރަ ކޮށްލަން ރާވާ ކަމަށް ލިބިފައިވާ މައުލޫމާތު ސައްހަކަން ކަށަވަރު ކުރައްވައި، ޚާއްސަ ސަމާލުކަމެއް ދެއްވައި، އެ މައްސަލަ ތަހުގީގު ކޮށްދެއްވުން އެދިފައި ވެއެވެ. އަދި މިފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެދިވަޑައިގެންފައި ވެއެވެ.
އަދީބު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުފޫޒު ވިދާޅުވެފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޙްލޫފު ވެސް ވިދާޅުވެފައި ވަނީ އަދީބު ދޫނިދޫގައި ބާއްވާފައި އޮންނަ ނިކަމެތި ހާލު ފެންނަން އޮތް ކަމަށާއި އަދީބު އަވަހާރަކޮށްލަފާނެ ކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން، ސިއްހީ ހާލަތު ގޯސްކޮށް މަރާލަފާނެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް މަހުލޫފު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދީބު ދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަހްލޫފް ވަނީ އަދީބު ޖަލުގައި އޮންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.
އަދީބުގެ ވަކީލުން ވެސް ވިދާޅުވެފައި ވަނީ ޖަލުގައި އޮންނަވަނިކޮށް އަދީބު އަވަހާރަވެދާނެ ކަމަށާއި ފަރުވާ ބޭނުންވާ ކަމަށެވެ. އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ބޭސްފަރުވާ އަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.