ކ. މާލެ
|
31 މާރޗް 2023 | ހުކުރު 12:50
ޗެޓްބޮޓް
ޗެޓްބޮޓް
ވަޔަން
ސައިބަރ ކްރައިމް
"އޭއައި ޗެޓް-ބޮޓްސް" ބޭނުންކޮށްގެން ސައިބަރ ޖަރީމާ ހިންގަމުންދާކަމަށް ބުނެ ކަމާބެހޭ މާހިރުން އިންޒާރު ނެރެފި
ހެކަރުން ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯތައް ވެސް ފޮނުވަމުންދާކަން ވެސް މާހިރުން ފާހަގަކޮށްފައިވޭ

"އޭއައި" އަކީ އާޓިފިޝަލް އިންޓެލިޖަންސް ކަމަށްވާއިރު ޗެޓްބޮޓް އަކީ އިންސާނުން އާންމުކޮށް ވާހަކަދައްކާ ނުވަތަ މުއާމަލާތު ކުރާ ލެންގުއޭޖް ނުވަތަ ބަހުރުވަ އިން، ކުށް ނުލައި އިބާރާތް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ކޮމްޕިއުޓަރ ޕްރޮގްރާމަށް ކިޔާ ނަމެކެވެ. މިފަދަ ޗެޓްބޮޓްތައް ބޭނުންކޮށްގެން، އެކި މީހުންނަށް "ހެދިގެން" ޑިޖިޓަލް ޑިވައިސްތަކާއެކު ލިއުމުން ނުވަތަ އަނގަބަހުން ވެސް މިހާރު މުއާމަލާތު ކުރެވެއެވެ.

ސައިބަރ ޖަރީމާތައް ހިންގާ ފަރާތްތަކުން މިފަދަ ވަގު ޗެޓްބޮޓްތައް ބޭނުންކޮށްގެން ޖަރީމާ ހިންގުން އިތުރުވެފައިވާ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން އެޖެންސީ ފޮ ލޯ އެންފޯސްމަންޓް ކޯޕޮރޭޝަން (އިއުރޯޕޯލް) އިން އެޑްވައިސަރީއެއް ވަނީ ނެރެފައެވެ. އަސްލާއި އެއްގޮތަށް އިބާރާތް ކުރުމުގެ ކުޅަދާނަކަން މިފަދަ ޗެތްބޮޓްތަކަށް ލިބިފައިވާތީ މިކަމުގެ ނާޖާއިޒު ފައިދާ، ސައިބަރޖަރީމާ ހިންގާ ފަރާތްތަކުން ނަގަމުންދާކަމަށް އެޑްވައިސަރީގައި ބުނެފައިވެއެވެ. މިގޮތުން އެކި ފަރާތްތަކުގެ ޕާސްވަރޑްތަކާއި ކްރެޑިޓްކާޑު ނަމްބަރު ފަދަ ޒާތީ މައުލޫމާތު ހޯދުމަށް ތަފާތު ބޮޑެތި ކުންފުނިތަކުގެ ނަމުގައި ގުޅާ ނުވަތަ އީމެއިލް ފޮނުވަމުން ދާކަން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އޮޅުވާލުމުގެ ތެރެއިން އެތައް ބައެއްގެ އިތުބާރު ހޯދައި އެމީހުންގެ ޒާތީ މައުލޫމާތު އަތުލާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސައިބަރ ޖަރީމާގެ ދުނިޔޭގައި "ފިޝިންގ" ކިޔަނީ މިފަދަ މަކަރާ ހީލަތުގެ އަމަލުތަކަށް ކަމަށް ވާއިރު އިނގިރޭސިވިލާތުގެ ސައިބަރ ސެކިއުރިޓީ އެކްސްޕަރޓުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ޗެޓްބޮޓްތައް ބޭނުންކޮށްގެން ލިޔެފައިވާ ފިޝިންގ-އީމެއިލްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ސައިބަރ ޖަރީމާ ހިންގާ ފަރާތްތަކުން އާންމު ފަރުދުންގެ މެޖޯރިޓީ އަށް، ނުވަތަ ގިނަ ބަޔަކަށް އޮޅުވާލެވޭ ފެންވަރަށް މިފަދަ ވަގު ލިޔުންތައް، ކޮމްޕިއުޓަރ ޕްރޮގްރާމްގެ އެހީގައި ތައްޔާރުކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.

"ފިޝިންގ" އަދި ހެކް ކުރުމުގެ ޖަރީމާ ހިންގާ ފަރާތްތަކުން "އޭއައި" ބޭނުން ކޮށްގެން އެކި ފަރާތްތަކުގެ ސިއްރު މައުލޫމާތު ހޯދުމަށް ޔޫޓިއުބް މެދުވެރިކޮށް ވީޑިއޯތައް ވެސް ފޮނުވަމުންދާކަން ވެސް މާހިރުން ފާހަގަކޮށްފައިވެއެވެ. މިފަދަ ވީޑިއޯތަކުގައި ސްކްރީން ރިކޯޑިންގ ނުވަތަ ވީޑިއޯގެ އެކޮޅުން އަނެއްކޮޅަށް އަޑު ހިމެނޭނަމަ އެވީޑިއޯއެއްގެ ސައްހަކަން ނުވަތަ ސައްހަނޫންކަން ކުރިން ދެނެގަނެވުނު ނަމަވެސް މިޒަމާނުގެ ހެކަރުން އައު ޓޫލްތައް ބޭނުންކޮށްގެން އެކަން ވެސް ބަދަލުކުރާކަން މާހިރުން ފާހަގަކޮށްފައިވެއެވެ.

ސްކްރީނުން އިންސާނެއްގެ ސޫރަ ނުވަތަ މޫނު ފެންނަ ނަމަ އެ އެއްޗަކަށް ފަރިތަ ބޮޑުވެ، އެވީޑިއޯއަކަށް އިތުބާރު ކުރެވޭ ގޮތް ވާކަން މީ އެންމެން ދަންނަ ހަގީގަތެކެވެ. ނަމަވެސް މި ސައިކޮލޮޖިކަލް ފެކްޓު ބޭނުންކޮށްގެން އޭއައި ޓޫލްސްގެ އެހީގައި ހެކަރުން ފޭކް އިންސާނުންގެ ސޫރަ ވީޑިއޯގައި ހިމަނައިގެން "މެލްވެޔަރ" ނުވަތަ މަކަރާ ހީލަތުގެ ޕެކޭޖްތައް ފޮނުވަމުންދާކަން ވެސް އެކްސްޕަރޓުން ފާހަގަކޮށްފައިވެއެވެ.

މައުލޫމާތު : ވިއޯން ޗެނަލް  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް